twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މާލޭގެ ތާށިވި މީހުންނަށް ހައްލެއް ހޯދުމުގައި ގިނަ މަސައްކަތެއް ކުރި، ގޮންޖެހުންތައް ކުރިމަތިވި

އަބްދުލް ވާހިދު ޙަސަން
May 15, 2020

މާލޭގައި ތާށިވެފައި ތިބި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގައި ގިނަ މަސައްކަތްތަކެއް ކުރެވި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަން ކޭއޯއަށް އެނގިއްޖެ އެވެ. އެކަން އެންމެ ފަހުން ހައްލުވެގެން އައިއިރު ކައުންސިލްތަކާއި ޓާސްކް ފޯސްތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދައި އެވެ.

18 އެޕްރީލްއިން ފެށިގެން މާލޭގައި ތާށިވެފައިވާ ފަރާތްތަކުގެ ލިސްޓް ކުޅުދުއްފުށީގައި ޤާއިމު ކުރެވިފައިވާ ސޯޝަލް ސަޕޯޓް ޑެސްކުން ދިޔައީ ނަގަމުން ކަމުގައި އަދި އެގޮތުން އެ ފަރާތްތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އެދި ސަރުކާރާ 22 އެޕްރީލް ވަނަ ދުވަހުން ފެށިގެން އެކި އެކި މަޝްވަރާތައް ކުރެވެމުން އައިސްފައިވާކަމަށް ކޭއޯއަށް ވަނީ އެނގިފައި އެވެ.

މިގޮތުން 14 ދުވަހު ރިސޯޓް ފެސިލިޓީއެއްގައި ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ޓެސްޓް ކުރެވިގެން ނުވަތަ މާލެއިން ރަށަށް ފުރުމުގެ ކުރިން ޓެސްޓް ކުރެވިގެން ހޯމް އައިޝޮލޭޝަންއަށް ފޮނުވާލެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރާ މަޝްވަރާ ކުރެވުނެވެ.

27 އެޕްރީލްގައި އެލްޖީއޭއިން އެންގެވުމުން ލިސްޓަށް ނަންނޯޓް ކުރުމަށް އާންމުކޮށް ހުޅުވާލައިގެން ލިސްޓް ފޮނުވުމަށް އެންގުމުން 156 މީހުންގެ ލިސްޓެއް 29 އެޕްރީލްގައި އެލްޖީއޭއާ ހިއްސާކުރިއިރު އަދި ކުޅުދުއްފުށީގައި ކަރަންޓީނުގެ ހާލަތެއްގައި ބޭނުން ކުރުމަށް ގިނަ ފެސިލިޓީސްތަކެއް ހޯދުމަށް މަސައްކަތް ކޮށްފައިވެސްވެ އެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި 2 މެއި ގައި ޖެންޑަރ މިނިސްޓްރީއިން ތަރުތީބު ކަނޑައެޅުމުގެ އުސޫލެއް ކަނޑައެޅި ނަމަވެސް އަލުން އެ އުސޫލު އަނބުރާ ނަގައި އުސޫލު އަލުން އާންމު ކޮށްފައި ވަނީ 5 މޭ ގަ އެވެ. އަދި އެ އޭރު ލިސްޓްގައި ތިބި 175 މީހުންނަށް ގުޅައި އެ އުސޫލާ އެއްގޮތަށް މީހުން ތަރުތީބުކޮށް މޭ 8 ވަނަ ދުވަހު އެލްޖީއޭގެ ވުނަ ޕޯޓަލްއަށް ލިސްޓް އަޕްލޯޑް ކުރެވިފައިވެ އެވެ.

އަދި 13 މޭ ގައި އެންގި އެންގުމަކަށް އަނެއްކާވެސް ލިސްޓެއް އެލްޖީއޭއަށް މެއިލް ކުރެވިފައި ވާ ކަމަށް މައުލޫމާތު ލިބޭއިރު މިހާރު ވަނީ އެލްޖީއޭއިން ލިސްޓެއް އާންމުކޮށްފަ އެވެ. އެ ލިސްޓްގައި ކުޅުދުއްފުއްޓަށް އަންނަން ރެޖިސްޓަރ ކޮށްފައިވާ 68 މީހުން ހިމެނެ އެވެ. މި ލިސްޓްގައި ޖުމްލަ 142 ފަރާތެއް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ރަށަށް ދެވޭނެ ރަގަޅު އިންތިޒާމެއް ހަމަނުޖެހި ތިބެން ޖެހުމުން އެކަމުގައި ގިނަ ބަޔެއްގެ ނުތަނަވަސްކަން ހުރިކަން ރައްޔިތުން ދަނީ ފާޅު ކުރަމުންނެވެ. ހާއްސަ ގޮތެއްގައި ރޯދަ މަހަށް ވެފައި ކުއްޔަށް ތިބެން ޖެހުމުން އެކަމުގައި ހުރި ދަތިކަމުގެ ސަބަބުން ހިތްހަމަނުޖެހުން ހުރިކަން ދަނީ ފާޅުކުރަމުންނެވެ. އަދި ވަރަށް ގިނަ ބަޔަކު ދަނީ މާލޭގައި ތިބި ފަރާތްތައް ރިސޯޓް ކަރަންޓީނު ފެސިލީޓީއެއްގައި ކަރަންޓީނު ފުރިހަމަކޮށް ޓެސްޓް ކުރެވިގެން މެނުވީ ރަށަށް ނުގެނައުމަށް ގޮވާލަމުންނެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިންނާއި، ޖެންޑަރ މިނިސްޓްރީ އިން އެ ބޭފުޅުންނަށް ސަރުކާރުން މާލޭގައި ކަނޑައަޅާފައި ހުރި އެކިއެކި ފެސިލިޓީސް އަށް ދިއުމަށާއި ކެއުމުގެ އިންތިޒާމުތައް ހަމަޖެހިފައި ވޭތޯ ބަލަން ގުޅާފައި ވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

"މިކަމުގައި އެންމެ އެދެވޭ ނަތީޖާއެއް ނުފެނުނަސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ލިސްޓް އެކިއެކި ފޯމެޓްތަކަށް، ތަރުތީބުކޮށް ވަރަށް ގިނަ ފަހަރު ފޮނުވިއްޖެ. މި ދަނޑިވަޅަކީ ސަރުކާރަށްވެސް އުދަނގޫ ވަގުތެއްކަން އެނގޭ. ނަމަވެސް ރައްޔިތުންނަށް 28 ދުވަސް ވީ އިރު އެކަށީގެންވާ ހައްލެއް ނުލިބި ދިއުމާ މެދު ހިތާމަ ކުރަން. މިހާރު އަލިމަގެއް ފެންނަހެން އެބަ ހީވޭ. އުއްމީދު މި ކުރަނީ އަވަސް ގޮތަކަށް މި ކަންތައް ހައްލުވެގެން ދިއުން" މިކަމުގައި އުޅުއްވާ ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް މާލެއިން އާސަންދަގެ މެޑިކަލް ޗާޓަރއެއްގައި 7 މީހުން އައިސްފައިވާއިރު ބައެއް ފަރާތްތަކުން އަންނަނީ ފުރަވެރި ކަރަންޓީނު ފެސިލިޓީގައިވެސް ކަރަންޓީނު ފުރިހަމަ ކުރަމުންނެވެ. އަދި އިއްޔެ އެލްޖީއޭއިން އަލަށް ކަނޑައެޅި 500 ކަރަންޓީނު ކޮޓަރިއަށް ކުޅުދުއްފުށީގެ 68 ފަރާތެއް ނަގާފައިވާއިރު މިއަދު ބައެއް ބޭފުޅުން ދަތުރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސްގެ ފަރާތުން އައިސޮލޭޝަން ފެސިލިޓީސް އާއި އެކި ހާލަތްތަކުގައި ބޭނުން ކުރަން ޖެހިއްޖެ ކަމުގައި ވާނަމަ ބޭނުން ކުރަން ގިނަ އެކިއެކި ތަންތަން ކަނޑައަޅާފަ އެވެ. އެގޮތުން ކޭޕީއެލްގެ ގެސްޓް ހައުސް، އަތޮޅު ރަށްވެހިގެ، ސްޓޭޓް ހައުސް އަދި ދަނާލު ފާހަގަ ކޮށްލެވެ އެވެ. އެކަމަކު މިހާރު ސަރުކާރުން ނިންމާފައިވަނީ މާލޭގައި ތިބި ފަރާތްތަކުން ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި ކަރަންޓީނުކުރުމަށްފަހު ރަށަށް ފޮނުވުމަށެވެ. މި ނިންމުން ނިންމުމަށް ގިނަ ދުވަސްތަކެއް ނެގުމުން ސަރުކާރަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355