twitterviber whatsapp telegramfacebookyoutube instagram
9th May 2024

ނިއު ނޯމަލްގައި ދެތިން މަހު އުޅެން ޖެހިދާނެ، ފޯނު ވެސް އެހެން މީހަކަށް ނުދެވޭނެ

May 17, 2020

ކޮވިޑް-19 އާ އެކު ދިރިއުޅެން ފަށާއިރު ނިއު ނޯމަލްގައި ދެތިން މަހު އުޅެން ޖެހިދާނެކަމަށާއި އެކަކުގެ ފޯނުގައި އަނެކަކު އަތްލައި ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންގެ ހާލަތު އުވާލުމާ އެކު ދިރިއުޅެން ޖެހޭނީ "ނިއު ނޯމަލް" އެއްގައި ކަމަށެވެ. ބޮޑު ސާޖެއް ނައިސް މިބަލިން ސަލާމަތްވެވޭނީ ނިއު ނޯމަލްގައި ދެތިން މަހު ތިބެގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ މީހަކު ވެސް ގެންގުޅޭ ފޯނަކީ ވަރަށް ގިނައިން އަތްލާ އެއްޗެއް ކަމަށާއި އަދި އޭތި ސާފު ކުރުން ގިނަ ފަހަރަށް ހަނދާން ވެސް ނެތޭ ކަމަށެވެ.

ފޯނުގެ އިތުރުން ވެސް އެކަކު ގެންގުޅޭ އެއްޗެހި އަނެކަކު ބޭނުން ކުރުން ވީހާ ވެސް މަދު ކުރުމަށް ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފަ އެވެ. އަދި ކޮންމެހެން ބައްދަލުކުރަން ޖެހޭ މީހަކާ ވެސް ތިން ފޫޓް ދުރުގައި ހުރެ ބައްދަލު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޮކްޑައުން އުވާލުމާ އެކު އާއްމުން މަގުމައްޗަށް ނުކުމެ ކުރިން އުޅުނު ގޮތަށް އަމަލުތައް ބެހެއްޓުން އެކަށީގެންވާކަމަށާއި މި ބަލީގައި އެއީ ވަރަށް ބޮޑު ބިރެއް ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

ލޮކްޑައުން ދޫކޮށްލި ނަމަވެސް ޒަރޫރީ ބޭނުންތަކުގައި ނުކުންނަ އިރު ވެސް ގައިދުރުކަމަށް ސަމާލުކަން ދިނުމާއި ގިނަ ގިނައިން އަތްދޮވުމުގެ އިތުރުން އާއްމު ސާފުތާހިރުކަމަށް އަބަދުވެސް ސަމާލުކަން ދޭން އޭނާ އިލްތިމާސްކުރެއްވި އެވެ.

ނިއު ނޯމަލްގައި އަމަލުކުރަން ޖެހޭ ގޮތުގެ އެސްއޯޕީއެއް އަންނަނީ ތައްޔާރު ކުރަމުންނެވެ.

ނިއު ނޯމަލްގައިވެސް މިހާރު މިދިރުއުޅެމުންދާ ލޮކްޑައުންގެ ދިރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ސަމާލުކަން ދޭންޖެހޭނެ އެވެ. ނުވަތަ އެއަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެވެ. ނިއު ނޯމަލް އަކީވެސް ފަސޭހަ ދިރިއުޅުމެއް ނޫނެވެ. ނަމަވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355