twitterviber whatsapp telegramfacebookyoutube instagram
8th May 2024

އަތޮޅުތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު އަދިވެސް އެބައޮތް

ނަބީލާ އިސްމާޢީލް
May 17, 2020

ކޮވިޑް-19 ގެ ބަލިމަޑުކަން އަތޮޅުތަކުގެ ތެރެއަށް ފެތުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް މަދު ރަށަކުން ކޮވިޑް ބަލި ފެނުނު ނަމަވެސް އަދިވެސް ބައެއް އެހެން ރަށްރަށުން އެ ބަލީގެ މީހުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ތިން ރަށަކުން މިހާތަނަށް ޕޮޒިޓިވް ކޭސް ފެނިފައިވާއިރު ޑރ. ނަޒުލާވިދާޅުވީ ދެ ރަށެއްގެ ކޭސްތައް ސީދާ މާލެއާއި ގުޅިފައި ވީނަމަވެސް ތިންވަނަ ރަށުގެ ސީދާ ސޯސްއެއް އެނގިފައި ނުވާކަމަށެވެ. މާލެއިން އަދިވެސް ކޭސްތައް ފެންނަމުންދާއިރު އަތޮޅުތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ނަޒްލާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ލޮކްޑައުންގައި އޮތް ނަމަވެސް ޒަރޫރީ ބޭނުންތަކަށް ދަތުރު ކުރެވޭއިރު މި ދަތުރުތަކުންވެސް ކޮންމެވެސް ފުރުސަތެއް ބަލި ފެތުރެން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޮކްޑައުންގެ ނަތީޖާ ފެންނަ ކަމަށާ ނަމަވެސް އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމަށެވެ. އެކަމަކު ފިޔަވަޅުތަކަށް ލުއި ދިނުމާމެދު ނިންމުންތަކެއް ނިންމާނީ ދުނިޔޭގެ އެކި ގައުމުތަކުން އަމަލުކުރަމުން ދާ ގޮތާއި ހާލަތަށް ބެލުމަށްފަހުގައި ކަމަށް ވެސް ނަޒުލާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 1078 އަށް އަރާފައި ވާއިރު މި ބަލީގައި މިހާތަނަށް ރާއްޖެއިން 4 މީހަކު ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 59 އަށް އަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355