twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ފުރަންޓްލައިންގައި މަސައްކަތްކުރާ 239 މީހަކު ޕޮޒިޓިވްވެއްޖެ

May 23, 2020

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 239 މީހަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މިހާތަނަށް 239 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފްރަންޓްލައިން އޮފިސަރުންގެ ގޮތުގައި ބަލަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ސަލާމަތީ ހިދުމަތްތަކާއި ޒަރޫރީ ބައެއް ހިދުމަތްތައްދޭން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެވެ.

ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ނަންބަރުތައް ފެންނަ ގްރާފު ހިއްސާކުރައްވައިފައެވެ.

އެންމެ ގިނަ މީހުން އެއްފަހަރާ ޕޮޒިޓިވްވެފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެދުވަހު އެކަނި ފްރަންޓްލައިންގައި މަސައްކަތް ކުރާ 51 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ މަހުގެ 29 ވަނަ ދުވަހު 22 ފްރަންޓްލައިން އޮފިސަރަކު އަދި މި މަހުގެ ނުވަ ވަނަ ދުވަހު 19 އޮފިސަރަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން 1274 މީހަކު ޕޮޒިޓިވްވެފައި ވާއިރު، 109 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. 11 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި މި ބަލީގައި މިހާތަނަށް ހަތަރު މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355