އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓެއް ހަދައިދެނީ 675 ރުފިޔާގެ ރޭޓުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ އޭޑިކޭ ހޮސްޕިޓަލުން ޓެސްޓަކަށް 675 ގެ ރޭޓޫން ބިލު ކުރާނީ އައިޖީއެމްއެޗަށް ކަމަށާއި އެހާ ހިސާބުން ފައިސާ ދެއްކުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ.
އޭޑީކޭ އިން ދުވާލަކު 500 ޓެސްޓް ހެދޭނެކަމަށް މީގެކުރިން އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އޭޑީކޭ ގެ އިތުރުން ކޮވިޑް ޓެސްޓް ކުރެވެނީ އައިޖީއެމްއެޗް ގެ ލެބޯޓްރީގެ އިތުރުން ފުލުހުންގެ ފޮރެންސިކް ލެބޯޓްރީންނެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހި އެ ހޮސްޕިޓަލުން ބައްޔަށް ޓެސްޓުުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 24 ގައެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ރައްޔިތުންގެ އަތުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށާއި ރައްޔިތަކު އަމިއްލައަށް ޓެސްޓު ހަދަން ބޭނުންވެގެން އޭޑީކޭ ހޮސްޕިޓަލަށް ދިޔަޔަސް ޓެސްޓް ނުކުރެވޭނެ ކަމަށާއި އެ ހޮސްޕިޓަލުން ޓެސްޓް ކުރާނީ ހަމައެކަނި ސަރުކާރުން ދޭ ސާމްޕަލްތައް އެކަނި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިހާރު ސާމްޕަލް ނަގައިގެން ޓެސްޓްކުރުމުގައި އިސްކަންދެނީ ތަރުތީބަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ދުވަސްވީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ މީހުންގެ ތެރެއިން އެއްގެއެއްގައި އެތައް ބަޔަކާ އެކީ އުޅޭ މީހުންނަށް އިސްކަންދޭ ކަމަށެވެ.