މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަކީ މާލެއިން ރަށަށް ދާން ބޭނުންވާ މީހުން 14 ދުވަހަށް ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރުމަަށްފަހުއެވެ. އެ މީހުން ދޫކޮށްލަނީ ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގަޓިވްވުމުންނެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ފުރަބަންދުގައިވާ ފަރާތްތައް ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލު:
— Health Protection Agency (@HPA_MV) June 6, 2020
މާލޭގައި ފުރަބަންދުވެފައިވާ ފަރާތަތައް ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށް، އިތުރު މަޢުލޫމާތު:https://t.co/WelaHAiyfI
އެޗްޕީއޭ އިން ވަނީ ރަށުގައި ކަރަންޓީން ކުރުމާ ބެހޭ އުސޫލެއް އެކުލަވާލާ އާންމުކޮށްފަ އެވެ. ރަށުގައި ކަރަންޓީން ކުރަނީ 24 ދުވަހަށެވެ. އަދި 24 ދުވަހަށްފަހު ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އުސޫލުުގައިވެ އެވެ. ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައިސާދެނީ ސަރުކާރުންކަމަށާއި ކަރަންޓީންވުމަށް ބޭނުންވާ މީހާ ހުންނަ ހުށަހަޅާ ގޭގައި ހާއްސަ ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ.
ކަރަންޓީންވާން އެދޭ ގޭގައި ހުންޖެހޭ ޝަރުތަކުގެ ތެރޭގައި 60 އަހަރުން މަތީގެ މީހުންނާއި މާބަނޑު އަންހެނުންނާއި ހާއްސަ ބަލިތައް ހުންނަ ފަރާތްތައް އެ ގޭގައި އުޅެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައެވެ.
އުސޫލުގައިވާ ގޮތުން، ރަށަށް ދާން ބޭނުންވެގެން އެ ރަށެއްގެ ކައުންސިލްގައި ރަޖިސްޓްރީ ކުރުމުން އެ މީހަކު ގޮސް ކަރަންޓީންވެގެން ހުންނަ ގެއަކީ އުސޫލަށް ފެތޭ ތަނެއްތޯ ބަލާނީ ޕަބްލިކް ހެލްތު ޔުނިޓާއި އެރަށެއްގެ ކައުންސިލާ ގުޅިގެންނެވެ. އަދި ކައުންސިލުން އެކަން ޔަގީން ކުރުމަށް ފަހު ފުރަންޖެހޭ ފޯމް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވުމުން، އެދޭ ތަރުތީބުން އެ ބަޔަކު ރަށްރަށަށް ގެންދިއުމުގެ އިންތިޒާމު ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ އެވެ. އަދި ކަރަންޓީން ކުރާއިރު އެ ގެއެއްގެ ވެރިފަރާތުން އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭއިރު ކަރަންޓީންވާ މީހާ ވެސް އިގުރާރެއްގައި ސޮއިކުރަން ޖެހެ އެވެ.
ކަރަންޓީން ކުރާ މީހުން ބަހައްޓަންވާނީ ގޭގައި ދިރިއުޅޭ އެހެން މީހުންނާ ވަކި ކޮޓަރިއެއްގައި ކަމަށާއި އެއް ކޮޓަރިއެއްގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީން ކުރާނަމަ، ދެ އެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ފަރާތްތައް ބޭނުން ކުރަން ވަކި ފާހާނާއެއް ހުރުންވެސް ވަނީ ލާޒިމުކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ގޭގައި ބަޔަކު ކަރަންޓީން ކޮށްފައި ތިބިނަމަ، އެ ގެއަކަށް އިތުރު ބަޔަކު ވަނުން މަނާ ވާނެ ކަމަށެވެ. އަދި ގޭގައި އުޅޭ މީހުންވެސް ބޭރަށް ދިއުން މަނާވާނެ ކަމަށާއި، އެކަންކަން ރަށު ކައުންސިލާއި ޓާސްކްފޯހުން ކަށަވަރު ކުރަން ޖެހޭނެކަން ބަޔާން ކޮށްފައިވެއެވެ.
ކަރަންޓީންގެ މުއްދަތުގައި އެ ގެއަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ފޯރުކޮށްދޭން އާއިލާ މީހަކު ނުވަތަ އެކުވެރިއަކު ހަމަޖެއްސުމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ މީހެއް ނެތް ނަމަ އެރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހިދުމަތް ދިނުމަށް އަންގާފައިވެ އެވެ.
ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ޒިންމާތަކުގެ ތެރޭގައި ކަރަންޓީންކޮށްފައިވާ މީހުންގެ ހާލު މަދުވެގެން ދުވާލަކު އެއްފަހަރު ބެލުން ހިމެނެ އެވެ. އަދި ކަރަންޓީންކޮށްފައިވާ މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް އެންއީއޯސީ އަށް އަންގަން ޖެހެ އެވެ.