ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ހުށަނޭޅިއަސް ޓޫރިސްޓުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިންގެ ޑްރާފްޓެއް އެކުލަވާލައިފި އެވެ.
އެ ޑްރާފްޓް އެކުލަވާލާފައިވާ އިރު، އަންނަ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނެ އެވެ. ޓޫރިސްޓުން އަމަލުކުރަން ޖެހޭނެ މިންގަނޑުތަކެއް އަންނަނީ ކަނޑައަޅަމުން ނެވެ.
ޑްރާފްޓްގައި އެޗްޕީއޭ އިން ބުނީ އެތަނުން އެރުން މަނާކޮށްފައިވާ ރަށްތަކަކަށް ޓޫރިސްޓުންނަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އަދި ގައިޑްލައިންގައިވާ ގޮތުން ހުރިހާ ޓޫރިސްޓުން ވެސް ރާއްޖެ އަންނަ އިރު މާސްކު އަޅައި ގައިދުރު ކުރުމުގެ އުސޫލުތަކަށް ތަބާވާން ޖެހެ އެވެ.
ރާއްޖެ އެތެރެވާ ހުރިހާ ޕެސެންޖަރުން ވެސް ތާމަލް ސްކްރީން ކުރެވޭނެ އެވެ. މިގޮތަށް އަންނަ ޓޫރިސްޓަކު ހުން އައުމާއި ނޭވާލުމުގެ މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެ ނަމަ އެއާޕޯޓުގެ ކްލިނިކަށް ދައްކަން ޖެހެ އެވެ.
ރާއްޖެ އެތެރެވާ ޓޫރިސްޓަކީ ކޮވިޑް ކުރިން ޖެހި ރަނގަޅުވެފައި ހުރި މީހެއް ނަމަ، އެ މީހަކު ގާތުން މޮނިޓާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިގޮތަށް ފާހަގަކުރެވޭ ހުރިހާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓް ކުރާނެ އެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އައިސޮލޭޓް ކުރާނެ އެވެ. ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ ރިސޯޓަކަށް ނުވަތަ ކަނޑައަޅާ ވަކި އައިސޮލޭޝަން ފެސިލީއަކަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އަދި މި ބައްޔަށް ނެގެޓިވްވާ މީހުން އައިސޮލޭޝަން ފެސިލިޓީން ރިސޯޓަށް ދިއުމުގެ ފުރުސަތު ދޭނެ އެވެ.
ކުރިން ނިންމާފައި އޮތީ ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑް-19 އަށް ޓެސްޓްކުރާ ގޮތަށެވެ. އެކަމަކު އަލަށް އެކުލަވާލަމުން އަންނަ ގައިޑްލައިންގައިވާ ގޮތުން ނަމަ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ޓެސްޓް ކުރުން މަޖުބޫރެއް ނޫނެވެ.
ނަމަވެސް ކޮންމެ ރިސޯޓެއްގައި ވެސް ކޮވިޑް-19 އަށް ހާއްސަ ޓާސްކްފޯހެއް އޮންނަން ޖެހެ އެވެ. ރިސޯޓުގެ އެކި ޑިޕާޓްމެންޓްތައް ހިމެނޭ ގޮތަށް އެކުލަވައިލާ މި ޓާސްކްފޯހުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް ތިބެން ޖެހެ އެވެ.
އަލަށް ރިސޯޓުތައް ޓޫރިސްޓުންނަށް ހުޅުވައިލާ އިރު ހެލްތް މިނިސްޓްރީ ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ރިސޯޓުތަކުގައި މެޑިކަލް ކްލިނިކްތައް ގާއިމް ކުރަން ޖެހެ އެވެ. މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުން ވެސް ކޮންމެ ރިސޯޓެއްގައި ތިބެން ޖެހެ އެވެ.