ހޯމް ކަރަންޓީނުގައި މީހަކު ހުރި ނަމަވެސް އެ ގެއެއްގައި ދިރިއުޅޭ އެހެން މީހުންނަށް ބޭރަށް ނިކުމެވޭ ގޮތަށް ގޭގައި ކަރަންޓީނުވުމުގެ އުސޫލަށް އިސްލާހު ގެނެސްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެއިން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީނުވުމުގެ އުސޫލަށް ބަދަލުގެނެސް އިސްލާހުކޮށްފަ އެވެ. އިސްލާހުގައިވާ ގޮތުން ކަރަންޓީނު ކުރެވިފައިވާ މީހާ ނޫން އެހެން މީހުންނަށް ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ބޭރަށް ނިކުމެވޭނެ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ހާލަތުގައި މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީީނު ވުމުގެ އުސޫލު
— Health Protection Agency (@HPA_MV) June 12, 2020
12 ޖޫނު 2020ގައި އިސްލާޙް ކުރެވިފައި:https://t.co/LgJeEEhI0T
ނަމަވެސް މީހަކު ކަރަންޓީން ކުރާ ގެއަކުން ބޭރަށް ނިކުމުވޭނީ ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އަދި އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމާއި އެހެން މީހުންނާ އެއްވެ ނޫޅުމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފަ އެވެ.
އެޗްޕީއޭއިން ބުނީ ގޭގައި ކަރަންޓީނު ކުރެވޭ މީހުންނަކީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ގޭގައި ކަރަންޓީނުގެ މުއްދަތަކީ 24 ދުވަހެވެ.
ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ގޮސް އަމިއްލަ ގޭގައި ކަރަންޓީން ވެވޭގޮތަށް ނިންމީ މިމަހު ހަވަނަ ދުވަހު އެވެ. މީގެ ކުރިން ހޯމް ކަރަންޓީން އުސޫލުގައިވާ ގޮތުން ކަރަންޓީންކޮށްފައިވާ މީހަކު ހުރި ގެއަކުން އެހެން މީހުންނަށްވެސް ބޭރަށް ނިކުމެ ނޫޅެވެ އެވެ.
ކުރިން އާންމު ކުރި އުސޫލުގައިވާ ގޮތުން ކަރަންޓީން ކުރާ ގޭގައި 60 އަހަރުން މަތީގެ މީހުންނާއި މާބަނޑު އަންހެނުންނާއި ދާއިމީ ބަލިތައް (ނޭވާ ހިއްލުން، ކިޑްނީގެ ބަލި، ހަކުރު ބަލި، ހިމޯގްލޯބިން ޑިސްއޯޑާ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވާ ޑިޒީޒް، އަދި ހިތުގެ ބަލި) ފަދަ ބަލިތައް ހުންނަ ފަރާތްތައް އެ ގޭގައި އުޅެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ރަށްރަށުގައި ކަރަންޓީނުވާން ބޭނުންވާ މީހުން ހުންނަން ހުށައަޅާ ގެއަކީ ކަރަންޓީނުގެ އުސޫލުތަކަށް ފެތޭ ތަނެއްތޯ ކައުންސިލުން ޔަގީންކުރަން ޖެހެ އެވެ.
ރާއްޖެއިން ބޭރުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ އައުމުގެ ކުރިން ކަރަންޓީނުވާން ބޭނުންވާ ގޭގެ މައުލޫމާތު މެއިލް މެދުވެރިކޮށް ފޮރިން މިނިސްޓްރީއާ ހިއްސާކުރަން އެޗްޕީއޭއިން ވަނީ އެދިފައި އެވެ.
އަންނަ ހޯމަދުވަހުން ފެށިގެން މާލެ ލޮކްޑައުންއަށް އިތުރު ލުއިތަކެއްދީ ހުއްދަ ނެތި ވަކި ވަގުތެއްގައި ބޭރުގައި އުޅެވޭގޮތް ވަނީ ހަދާފަ އެވެ. އަދި ބަލީގެ އަސަރު ނެތް ރަށްތަކުގެ މެދުަގައި ދަތުރު ކުރެވޭނެ ގޮތްވެސް ވަނީ ހަދާފަ އެވެ.