ކޮންމެ ހުޅަނގު މޫސުމަކާއެކު ށ.ފޯކައިދޫ ރައްޔިތުންނަށް ލަފާ ފުރުމުގެ ދަތިތަކަކީ އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. ބަނދަރުގެ އެއްވެސް ހިމާޔަތެއް ރައްކާތެރިކަމެއް ނުލިބެއެވެ. ކަނޑުން އަންނަ ބޮޑެތި ރާޅުތައް އެއްވެސް ހުރަހެއް ނެތި ބަނދަރުގެ ތެރެއަށްވަދެ އެއްގަމަށް ރާޅުތައް ބިންދާލަ އެވެ. މިއަހަރުވެސް ހުޅަނގު މޫސުމާއެކު އެ މައްސަލަ މިއޮތީ ކުރިމަތިވެފައި އެވެ.
ކޮންމެ އަހަރު މި މައްސަލަ ކުރިމަތިވޭ
- 2000 އެއްހާ މީހުންގެ އާބާދީއެއް އޮވޭ
- އެރަށުގައި ބަނދަރު ހެދީ 2013 ވަނަ އަހަރު
- ފޯކައިދޫއަކީ ގާމަތި ރަށެއް. ބޮޑެތި ކަންނެލި އޮޑިފަހަރު އޮވޭ
- އެންމެ މަޑުދުވަސްތަކުގައިވެސް ލަފާފުރުން ދަތި
- ގަދަވުމުން ކޮންމެ ފަހަރުވެސް އޮޑިފަހަރު ގެންދަނީ ރަށުގެ އެހެން ފަރާތްތަކަށް
- ބައެއް ފަހަރު ކައިރީގައި އޮންނަ އެހެން ރަށަކަށްވެސް އޮޑިފަހަރު ގެންދަން ޖެހޭ
- ބަނދަރުތެރެއަށް ޑިންގީ ފަދަ ތަކެތި ބަންޑުން ޖަހާލާ ހިތާމަވެރި ހާދިސާތައް ހިންގާފައިވޭ
- ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނެ ސަރުކާރުގައި އާދޭސްކުރާތާ އެތަކެއް އަހަރެއްވެއްޖެ
މި ސަރުކާރުން ފޯކައިދޫގެ ބަނދަރު އަޕްގުރޭޑްކުރުމަށް ވަނީ ނިންމާފައި
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު މިދިޔަ އަހަރު އޮކްޓޯބަރުމަހު ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ކިތަންމެ މަޑު ދުވަސްކޮޅެއްގައިވެސް ރަށުގެ ބަނދަރުން ލަފާ ފުރުމަކީ ވަރަށް ދަތި ކަމެއް ކަމަށާއި އޮޑި ދޯނި ފަހަރު އަޅަން ޖެހެނީ ރަށުގެ ފުއްޓަރު ފަރާތުގައި ކަމަށެވެ. އަދި ފުއްޓަރު ފަރާތުގައި އަޅާފަ ހުންނަ ދޯނި ފަހަރަށް އަރަން ޖެހެނީ ބޮއްކުރާގައި ގޮހެވެ. މި ގޮތަށް އަރަން އުޅުމުގެ ތެރޭގައި ބޮއްކުރާ ބަންޑުން ޖަހާލައި ވަރަށް ހިތާމަވެރި ހާދިސާތައް ދިމާވެފައި އެބަ ހުރިކަމަށެވެ.
ރާޝިދު ވިދާޅުވީ މިހާރު އޮތް ބަނދަރާ ގުޅިގެން ދެކުނަށް 250 ފޫޓްގެ ފުޅާ 600 ފޫޓްގެ ބޮޑު ބަނދަރެއް ހިލަތޮށި ޖެހުމަށް ފަހު ތަރައްގީ ވެގެންދާނެ ކަމަށާއި މިއީ 2003 ވަނަ އަހަރުން ފެށިގެން ހައްލު ހޯދުމަށް ކުރެވެމުން އަންނަ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. މިހާރު މި މަސައްކަތްދާ ސްޕީޑާއި މެދު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް އުންމީދަކީ ވީހާވެސް އަވަހަށް ހައްލެއް ލިބިގެން ދިއުން ކަމަށެވެ. އަދި މިއަހަރުގެ ޑިސެމްބަރު ފަހު ކޮޅު ނުވަތަ ޖެނުއަރީ މަސްތެރޭ މަސައްކަތް ފެށޭ ވަރުވާނެ ކަމަށް ރާޝިދު އޭރު ވިދާޅުވި އެވެ. އެހެންނަމަވެސް އަދިވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައިނުވެ އެވެ.