twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވަކީލުންނާ ބައްދަލު ނުވާތީ ރައީސް ޔާމީނަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް ފަސްކޮށްފި

ނަބީލާ އިސްމާޢީލް
Aug 16, 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަލަށް ކުރި ދެ ދައުވާގެ ޝަރީއަތް، އެ މަނިކުފާނަށް ވަކީލުންނާ ބައްދަލު ނުކުރެއްވޭތީ މިއަދު ފަސްކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް އުފުލުމުން އެ މައްސަލަތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު އެގޮތަށް ނިންމެވީ ރައީސް ޔާމީނަށް އަޑުއެހުމުގެ ކުރިން ވަކީލުންނާ ބައްދަލުކުރަން ފުރުސަތު ލިބިވަޑައިގެންފައި ނުވާތީއެވެ. ގާޒީ ޝަކީލް ވިދާޅުވީ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތަށް މިއަދު އަމުރެއް ނެރުއްވާނެ ކަމަށެވެ. އަދި ވަކީލުންނާ ބައްދަލުކުރައްވަން ފުރުސަތު ދެއްވުމަށް ފަހު 10 ދުވަސް ނުވަތަ 15 ދުވަސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

ދައުވާ އިއްވަން ފުރުސަތު ދިނުމުން ދައުލަތުން އެދުނީ މައްސަލައާ ގުޅޭ ލިޔުންތައް ޔާމީނަށް ލިބިވަޑައިގެންފައިވާ ކަން ކޯޓުން ކަށަވަރުކޮށް ދިނުމަށެވެ. ފަހުން އިތުރު ލިޔުންތަކެއް ވެސް ޔާމީނާ ހަވާލު ކުރަން ފޮނުވާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް އެއްވެސް ލިޔުމެއް ލިބިވަޑައިގެންފައިނުވާ ކަމަށާއި ހުރިހާ ލިޔުންތަކެއް ހުރީ ވަކީލުންގެ އަތުގައި ކަމަށެވެ. އެކަމަކު، ވަކީލުންނާ އެއްވެސް ގޮތަކަށް ޖަލުގައި މިހާރު ބައްދަލު ނުކުރެއްވޭ ކަމަށާއި އެކަމާ މެދު މަޝްވަރާ ނުކުރައްވައި، މައްސަލައާ ގުޅިގެން ވާހަކަފުޅު ދައްކަވަން ދަތި ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އިތުރު ލިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުނާތީ އެ ލިޔުންތައް ލިބިގެން ނޫނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ވަކީލުންނަށް ޔާމީނާ ޖަލުގައި ބައްދަލު ނުކުރެވެނީސް، އަޑުއެހުން ކުރިއަށް ގެންދަން ދެކޮޅު ހައްދަވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސް އިން ދީފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ދައުލަތުން ބުނިގޮތުގައި، މި ދެ ދައުވާ ކޯޓަށް ފޮނުވި ފަހުން ޔާމީންގެ ވަކީލުން އެ މަނިކުފާނާ ބައްދަލުކުރަން ފޯމު ހުށަހެޅީ އެންމެ ފަހަރަކު އެވެ. މާފުށްޓަށް ވަކީލުން ވަޑައިގަތުމުން އެ ބައްދަލުވުން ހަމަޖެހޭނެ ކަމަށް ކަރެކްޝަންސް އިން ވަކީލުންނަށް އަންގާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ދިނުމަށް އަމުރު ކުރުމަށްފަހު މިއަދުގެ ޝަރީޢަތް ވަނީ ނިންމާލާފައެވެ. ގާޒީ ޝަކީލް ވިދާޅުވީ ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ދެއްވުމަށް މިއަދުގެ ޝަރީޢަތް ނިންމާލުމަށް ފަހު 10 ދުވަސް ނުވަތަ 15 ދުވަސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލް ކުރައްވާނެއެވެ.

މިއަދު ތާވަލް ކޮށްފައި އޮތީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީން ރިޝްވަތު ނަގައި އަދި އެފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ދައުލަތުން އުފުލި ދެދައުވާއެއްގެ ޝަރީޢަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355