twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކޮވިޑަށް ޕޮޒިޓިވްވާ މީހުން 3 މަސްތެރޭ އަލުން ޓެސްޓުކޮށް، ކަރަންޓީން ވާކަށް ނުޖެހޭނެ

ޚަދީޖާ އާދަމް
Aug 24, 2020

ކޮވިޑް-19 އަށް ޕޮޒިޓިވާ މީހުން ޕޮޒިޓިވްވިތާ ތިން މަސް ދުވަހުގެ ތެރޭގައި އަލުން އެ ބައްޔަށް ޓެސްޓްކޮށް ކަރަންޓީނުވާން ނުޖެހޭ ގޮތަށް އެޕްޕީއޭ އިން އުސޫލު ބަދަލުކޮށްފި އެވެ.

އެގޮތުން ޕޮޒިޓިވްވިތާ ތިން މަސްތެރޭ ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓް ވިޔަސް އަދި މީހުން އުޅޭ ރަށަކަށް ދިޔަ ކަމުގައި ވިޔަސް އަލުން ކަރަންޓީންވާން ނުޖެހޭ ކަމަށް އެ އުސޫލުގައި ވެއެވެ.

ބަލިން ރަނގަޅުވާ މީހުން ތިން މަސް ވަންދެން އިސްތިސްނާވާ ކަންތައްތައް:

  • ވަޒީފާ އަށް ނުވަތަ މަސައްކަތަށް ނިކުތުމުގެ ބޭނުމުގައި ކޮވިޑަށް ޕީސީއާރް ޓެސްޓްކުރުން،
  • ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައި ވިޔަސް ބަލީގެ އަލާމާތް ނެތް ހާލަތުގައި ޓެސްޓްކުރުން،
  • ކޮވިޑްގެ ސަވައިލަންސްގެ ތެރެއިން ޓެސްޓްކުރުން

މި ކަންކަމުގެ އިތުރުން، ކަރަންޓީނުކުރުމުގައި ވެސް، ބަލިން ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ހާލަތްތަކެއް ވަނީ ބަޔާންކޮށްފަ އެވެ. އެއީ

  • ކޮވިޑް ޖެހިފައި ހުރި މީހަކާ ކޮންޓެކްޓްވި ކަމުގައި ވިޔަސް ބަލީގެ އަލާމާތް ނެތް ނަމަ ކަރަންޓީނުކުރުން،
  • ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރާ ކަރަންޓީނުކުރުން،
  • ކޮވިޑާ ގުޅިގެން، އެ މީހަކު ދިރިއުޅޭ ގެޔަކަށް ވަދެ ނުކުތުން މަނާކޮށްފައިވާ ހާލަތުގައި ކަރަންޓީނުގައި ހުރުން
  • ކޮވިޑް ޖެހުނުތާ ތިން މަސް ތެރޭ އެއްވެސް ސަބަބަކާ ހުރެ ހަދާ ޓެސްޓަކުން ކޮވިޑަށް ޕޮޒިޓިވް ކަމަށް ދެއްކި ކަމުގައި ވިޔަސް ބަލީގެ އަލާމާތެއް ނެތް ނަމަ އައިސޮލޭޓްކުރުން.

އިއްޔެ އަމަލުކުރަން ފެށި އުސޫލުގައި ބުނެފައިވަނީ މިގޮތަށް ނިންމީ ކޮވިޑް-19 އިން ރަނގަޅުވާ މީހުންގެ ފަރާތުން އެ ބަލި އެހެން މީހުންނަށް ޖެހޭކަން ސައިންޓިފިކް ގޮތުން ކަށަވަރު ކުރެވިފައި ނުވާތީ ކަމަށެވެ.

ކޮވިޑުން ރަނގަޅުވާ މީހުންނަށް އިސްތިސްނާތަކެއް އެޗްޕީއޭ އިން ހަމަޖެއްސި އިރު އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވެސް ވަނީ މީގެ ކުރިން މިގޮތަށް ގައިޑްލައިން ބަދަލުކޮށްފަ އެވެ.

ސީޑީސީން ބުނީ ކޮވިޑް ޖެހި ރަނގަޅުވާތާ ތިން މަސް ވާއިރު ވެސް އެ މީހެއްގެ ޓެސްޓުތަކުން ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކާތީ އެ މީހަކު ތިން މަސް ތެރޭ އަލުން ޓެސްޓްކުރުން މުހިންމު ނޫން ކަމަށެވެ. އަދި މިގޮތަށް ޕޮޒިޓިވް ކަމަށް ދެއްކިޔަސް މި މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ނާރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް މި އިސްތިސްނާތައް މިވަގުތަށް ކަނޑައަޅާފައިވަނީ މި ވަގުތަށް ލިބިފައިވާ ސައިންޓިފިކް ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވާތީ، އާ ހޯދުންތަކާ އެކު މި އުސޫލަށް ބަދަލު އައުން އެކަށީގެންވާކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355