- ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ގޮތުގައި 60 މީހުން ފާހަގަކުރެވިފައިވޭ
- 24 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ކުޅުދުއްފުށީ ކޮވިޑް ކޭސްއާ ގުޅިގެން މިހާތަނަށް 60 އެއްހާ މީހުން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށާއި އެ އަދަދު އަދިވެސް އިތުރު ވެދާނެކަމަށް ލަފާކޮށްފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ކުރުމަށްފަހު އިތުރު ފަރުވާއަށް މިދިޔަ ހުކުރު ދުވަހު މާލެ ފޮނުވާލި 7 އަހަރުގެ ފިރިހެން ކުއްޖެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ކުއްޖާ ޕޮޒިޓިވްވި ކަން އެންގުނީ އައިޖީއެމްއެޗްގައި ކުރިއަށްދިޔަ ސްކްރީނިންއަކަށް ފަހު ކޮވިޑް ޓެސްޓް ހަދަން ޖެހޭކަން ފާހަގަވުމުން އެޑްމިޓް ކުރުމުގެ ކުރިން ހެދި ޓެސްޓުންނެވެ.
އެ ކުއްޖާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއް ހުރެގެނެއް ނޫނެވެ. ބަނޑުގައި ރިއްސާތީ ގެންދިޔަ އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލީ މިދިޔަ ހުކުރު ދުވަހު އެމަޖެންސީގައި އެވެ. ކޮމިއުނިޓީ ސްޕްރެޑެއް ނެތް އެއްވެސް ރަށަކުން ހޮސްޕިޓަލަށް ގެންދާ ފަރާތްތައް ކޮވިޑަށް ޓެސްޓް ކުރުމަށް އެޗްޕީއޭގެ އުސޫލު ތަނެއް ނުދެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، މި ކޭސްއާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 60 މީހެއް މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އަދިވެސް އެ އަދަދު އިތުރު ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ.
ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ބޮޑަށް ފާހަގަ ކުރެވިފައި ވަނީ އެ ކުއްޖާގެ އާއިލާ ފަރާތްތަކާއި ގާތް ތިމާގެ މީހުންކަން އަހުމަދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރެއިން 24 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ މި 24 ސާމްޕަލަކީ އެ ކުއްޖާއާ އެންމެ ގާތުން އުޅުނު ފަރާތްތަކުގެ ސާމްޕަލް ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގެ ތިން މުވައްޒަފަކުވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ، މި ކޭސްއާ ގުޅިގެން ނެގި އެއްވެސް ސާމްޕަލެއްގެ ނަތީޖާ މިހާތަނަށް ލިބިފައިނުވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ސާމްޕަލްތަކުގެ ނަތީޖާ ލިބިގެންދާނެ ކަމަށެވެ. މި ނަތީޖާތައް ޓެސްޓް ކުރަމުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމު ކުރެވިފައިވާ ޕީސީއާރު ލެބްގައެވެ.
ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވުނު 60 ފަރާތްތައް މިހާރު ތިބީ ހޯމް އައިސޮލޭޝަންގަ އެވެ. އެކަމާ ގުޅިގެން ދިހަ ގެއެއް ފާހަގަ ކުރެވިފައިވީ ނަމަވެސް އެ ގެތަކުގެ މައުލޫމާތު އަދި ހާމަކޮށްފައި ނުވެއެވެ. ކުއްޖާއަށް ކޮވިޑް ޖެހިފައި ވަނީ ކިހެނެތްކަން ދެނެގަނެވިފައިވޭތޯ ސުވާލު ކުރުމުން އަހުމަދު ވިދާޅުވީ އެ ކުއްޖާއަކީ ކައިރި މުސްތަގުބަލެއްގައި ދަތުރެއް ކޮށްފައިވާ ކުއްޖެއް ވެސް ނޫން ކަމަށާއި އަދި އެގެޔަށް ހޯމް ކަރަންޓީނަށް ވެސް މީހަކު އައިސްފައިވާ ގެޔެއް ނޫން ކަމަށެވެ. އެހެންކަމުން އެ ކުއްޖާ ކޮވިޑް ޖެހުނު ގޮތެއް އަދި މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
މި ކޭސްއާ ގުޅިގެން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވަމުން އަހުމަދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ކޮންމެހެން ގެއިން ނުކުންނަށް ވެއްޖެ ހާލަތެއްގައި މެނުވީ ނުކުމެ ނޫޅުމަށް އިލްތިމާސްކުރައްވާފައި އެވެ. ނުކުންނަށް ޖެހިއްޖެ ނަމަ މާސްކް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫނީ ނުނިކުތުމަށް އިލްތިމާސްކުރެއްވި އެވެ. އަދި މި ވަގުތު ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ މަގު ރަށުގައި ފަހިވެފައި ހުރުމަކީ މިކަމުގައި ލިބުނު ބޮޑު ލުޔެއް ކަމުގައި ހާމަ ކުރި އެވެ.