ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން އިއްޔެ ވަނީ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް ލަފާ ފުރުން މަނާކޮށްފައެވެ. މިއާއިއެކު ކުޅުދުއްފުށީގެ މަގުމަތިން ފެންނަ ހަލަބޮލިކަން ކެނޑި މުޅިރަށް ވަނީ ހިމޭންވެފައެވެ.
ކުޅުދުއްފުށިން ފޮޒިޓިވް ކޭސް އެއް ފެނިފައިވާކަން އެނގުނީ މިދިޔަ ހުކުރު ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އެޑްމިޓް ކޮށްފައި އޮތް އުމުރުން 7 އަހަރުގެ ކުޑަ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމާއި ގުޅިގެން އައިޖީއެމްއެޗުން ހެދި ކޮވިޑް ޓެސްޓުންނެވެ.
ސާމްޕަލް ޕޮޒިޓިވުމާއެކު ކޮންޓެކްޓު ޓްރޭސިން ހެދުމަށް ރަށް މޮނީޓަރިންނަށް ލައިފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކުޅުދުއްފުށީ ކައުންސިލަށް އަންގާފައެވެ.
މޮނީޓަރިންގެ ހާލަތަށް ރަށް ގެނައިކަން އަންގާފައިވަނީ އިއްޔެ ގާތްގަނޑަކަށް ހަވީރު 3:30 ހާއިރުއެވެ. އާންމުކޮށް ހަވީރު ގަޑިއަކީ ކުޅުދުއްފުށީގެ މަގުތައް ހަލަބޮލިވާ ވަގުތެކެވެ. ރަށުގެ ޕާކުތަކާ މައިޒާންތަށް އެވަގުތު އޮންނާނީ ފުރިފައެވެ. އަދި އެއީ ގިނަ ބަޔަކު ކަސްރަތައް މޫދަށް އެރޭވެސް ގަޑިއަކަށް ވާއިރު އިއްޔެ މޫދު ސަރަހައްދުވެސް ފެނުނީ ވަރަށް އަމާންކޮށެވެ. އެންމެ ބާރު ބޮޑު އެއް ސަރަހަދެއްގެ ގޮތުގައި ފެންނަ ކުޅުދުއްފުށީ ބަނދަރު މަތިވެސް އޮތީ އެއްކޮށް ހެން ހުސްވެފައެވެ.
ކޮމިއުނިޓީ ސްޕެރެޓެއް ނެތުމުން މީގެ ކުރިން މާސްކު ބޭނުން ކުރަމުން އައީވެސް މަދު ބަޔެކެވެ. އެހެން ނަމަވެސް މިއަދު ފެނުނީ ގިނަ ބަޔަކު ރައްކާތެރި ކަމުގެ ފިޔަވަޅުއަޅާ މާސްކު ބޭނުން ކުރާތަނެވެ.
މިހާރުވެސް ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރެވިފައިވާއިރު މިހާތަނަށް ވަނީ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި 60 މީހަކު ފާހަގަވެފައެވެ. އަދި 10 ގެއެއް ހޯމް އައިސޮލޭޝަނަށް ލައިފައެވެ. މިހާތަނަށް 24 ސާމްޕަލް ނަގާފައިވާއިރު އެއީ ހޮސްޕިޓަލުގެ 3 ސްޓާފަކާއި އާއިލާއިން 21 ސާމްޕަލެކެވެ. ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބޭނެކަމަށް މައުލޫމާތު ލިބެއެވެ.