ކަރަންޓީނު ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގެ އިތުރުން އެނޫންވެސް ތަންތަނުގައި ކަރަންޓީނުވުމަށް އަންގާފައިވާ ގަވާއިދާ ހިލާފުވާ ފަރާތްތަކުން މިއަދުން ފެށިގެން 5،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށް އެކަހެރި ކުރުމުގެ މަޒުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާ މީހުން 5،000 ރުފިޔާ ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެގޮތުން އެ މަސައްކަތަށް އެއްބާރުލުން ދިނުމެއް ނެތި ކަރަންޓީނުކޮށްގެން ފަރުވާދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައިފިނަމަ އެކުރެވެނީ ގާނޫނީ ކުށެއް ކަަމަށާއި ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން އެކަމަށް އިހުތިރާމުކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެެވެ.
އަމުރާ ހިލާފުވާ ފުރަތަމަ ފަހަރު ޖޫރިމަނާކުރާނީ 2،500 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެނަމަ 3،500 ރުފިޔާއިން ޖޫރިމަނާކުރާއިރު ތިންވަނަ ފަހަރުން ފެށިގެން ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
އެ މާއްދާގެ ދަށުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ފުލުހުންގެ އިދާރާތައް ނެތް ރަށްތަކުގައި ފިޔަވަޅު އަޅާނީ ކައުންސިލުތަކުން ނެވެ.