- ކުއްޖާއާ އެންމެ ގާތުގައި އުޅުނު 24 މީހެއްވެސް ވަނީ ނެގެޓިވްވެފައި
ކޮވިޑަށް ޕޮޒިޓިވްވި ކުއްޖާއާ އެންމެ ގާތުގައި އުޅުނު އެ ކުއްޖާގެ މަންމަ އާއި ބައްޕަ ޓެސްޓްކުރުމަށް އެ ބައްޔަށް ނެގެޓިވްވެފައިވާކަމަށް ދައްކައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން، ބަނޑުގެ ބައްޔަކަށް ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް 7 އަހަރުގެ ފިރިހެން ކުއްޖާ މާލެ ފޮނުވާލީ އެމެޖެންސީގައި ފްލައިޓް ޗާޓަރުކޮށްގެންނެވެ.
އެ ކުއްޖާ ޕޮޒިޓިވްވި ކަން އެންގުނީ އައިޖީއެމްއެޗްގައި ކުރިއަށްދިޔަ ސްކްރީނިންއަކަށް ފަހު ކޮވިޑް ޓެސްޓް ހަދަން ޖެހޭކަން ފާހަގަވުމުން އެޑްމިޓް ކުރުމުގެ ކުރިން ހެދި ޓެސްޓުންނެވެ. އެ ކުއްޖާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއް ހުރެގެނެއް ނޫނެވެ.
އެކަމާ ގުޅިގެން އެ ކުއްޖާގެ މަންމަ އާއި ބައްޕަ ސާމްޕަލް ނަގައި އައިޖީއެމްއެޗުން ވަނީ ޓެސްޓް ހަދައިފައި އެވެ. ކޭއާރުއެޗުން ބުނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ ސާމްޕަލް ނެގެޓިވްވެފައިވާކަން ކަމާ ގުޅުން ހުރި ފަރާތްތަކުން މިއަދު އެ ހޮސްޕިޓަލަށް އަންގާފައިވާ ކަމަށެވެ.
މި ކޭސްއާއެކު ކުޅުދުއްފުށިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވިގެން 60 އެއްހާ މީހުން ހޯމް ކަރަންޓީނުކޮށްފައިވާއިރު އެތަނުންވެސް އެ ކުއްޖާ އާއި އެންމެ ކުލޯޒް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 24 މީހެއްގެ ސާމްޕަލް ނަގައި ވަނީ ކުޅުދުއްފުށިން ޓެސްޓްކޮށްފައި އެވެ. އެ 24 މީހުންވެސް ވަނީ ނެގެޓިވްވެފައި އެވެ.
އެހެންވުމުން އިތުރު ކޮންޓެކްޓްތައް ޓެސްޓްނުކުރަން ވަނީ ނިންމާފައި އެވެ. ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ވިދާޅުވެފައިވަނީ، ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު މީހުން ދެން ޓެސްޓްކުރާނީ ބަލީގެ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި ކަމަށާއި ޓެސްޓްގެ ނަތީޖާ ނެގެޓިވް މީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ހުރިހާ މީހުންވެސް 14 ދުވަހަށް ހޯމްކަރަންޓީނު ކުރާނެ އެވެ.
ރޭގެ ވަގުތެއްގައި އެޗްޕީއޭއިން ކުޅުދުއްފުށި މޮނިޓަރިނިންގ އުވާލާފައިވީނަމަވެސް މާސްކް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި މުވައްސަސާތަކުން އިލްތިމާސްކުރެ އެވެ.