ރާއްޖޭގައި ކޮވިޑް-19 ގުޅިގެން އެއްރަށުން އެއްރަށަށް ދަތުރު ކުރުމުގައި ކަރަންޓީނު ކުރުމާއި ކަރަންޓީނު ކުރުމުގައި އަމަލު ކުރަންޖެހޭ އާ އުސޫލު އާންމުކޮށް އަމަލު ކުރަން ފަށައިފި އެވެ.
އައު އުސޫލުގައިވާ ގޮތުން ކަރަންޓީން ވާން ޖެހެނީ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށް ދާ މީހުންނާއި މާލެއިން ރިސޯޓްތަކަށް ދާ މީހުންނާއި ރިސޯޓްތަކުން ރަށްރަށަށް ދާ މީހުންނާއި ގެސްޓް ހައުސްތައް ހުންނަ ރަށްރަށުން އެހެން ރަށްރަށަށް ދާ މީހުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދާ މީހުން އަދި ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ސިނާއީ މަސައްކަތް ކުރާ ރަށަކަށް ދާ މީހުންނެވެ.
ރޭ އާންމުކުރި އުސޫލުގައި ވަނީ ކަރަންޓީން ވާންޖެހޭނެ މީހުންނާއި ކަރަންޓީން ވުމުގައި އަމަލު ކުރަން ޖެހޭ ގޮތް އަދި ކަރަންޓީންވާ ތަނެއް ހުންނަން ޖެހޭ ގޮތް ބުނެފައިވެއެވެ.
މި އުސޫލުގަައި އެކި ކެޓަގަރީތަކުން ކަރަންޓީންވާ މީހުން އަމަލުކުރަން ޖެހޭ އުސޫލުތައް ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައިވެއެވެ. ކަރަންޓީން ވާން ޖެހެނީ 14 ދުވަހަށެވެ. އަދި އޭގެ ފަހުން ޓެސްޓް ކުރާނެ އެވެ. އަދި ޓެސްޓް ޕޮޒިޓިވްވެއްޖެނަމަ ޕޮޒިޓިވްވާ މީހުންނާމެދު އަމަލު ކުރާ އުސޫލުން އަމަލު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ކަރަންޓީން މުއްދަތުގައި އެ ގެއަކަށް އެހެން މީހުން ވަނުމާއި އެ ގެއެއްގައި އުޅޭ ބަޔަކު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށްވެސް ބުނެފައިވެއެވެ.