ކުޅުދުއްފުށިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފި އެވެ. މީގެ އިތުރުން ހޯމް ކަރަންޓީނުގައި ހުރި 7 އަހަރުގެ ކުއްޖައާއެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ ފަހަކަށް އަރާފައި އެވެ.
ފާޅުބޯޓްގެ ކްލަސްޓާއާ ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ބޯޓްގެ ފަޅުވެރިޔެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. މިއީ އެ ކްލަސްޓާއިން ޕޮޒިޓިވްވި ހަތަރުވަނަ މީހަ އެވެ. މިއަދަދާއެކު ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ.
ކުޅުދުއްފުށިން ކޮވިޑްގެ ފުރަތަމަ ކޭސްއެއް ފެނުނީ މިދިޔަ ހުކުރު ދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅުބޯޓްގެ ކެޕްޓަން ބަލީގެ އަމާލަތްތައް ފެނިގެން ޓެސްޓްކުރުމުންނެވެ. އޭގެ ފަހުން ބޯޓްގެ ފަޅުވެރިން ޓެސްޓްކުރިއިރު އެތަނުން ދެ މީހަކުވެސް ވަނީ ޕޮޒިޓިވްވެފައި އެވެ. މިއީ މި ބޯޓްގެ ފަޅުވެރިއެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ފާޅުބޯޓްގެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 51 މީހަކު އެކަހެރިކޮށް، 7 ގެޔެއް ކަރަންޓީނުކޮށްފައިވާކަމަށެވެ. އަދި މީގެ އިތުރުން ފާޅުބޯޓްވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. މީގެ ތެރޭގައި ނޮޅިވަރަމްގެ ފަސް މީހެއްވެސް ހިމެނެ އެވެ.
މި ކޭސްއާ ގުޅިގެން މިއަދު ވަނީ އިތުރު ދެ މީހެއްގެ ސާމްޕަލްވެސް ނަގައިފަ އެވެ. އޭގެ ތެރޭގައި ނޮޅިވަރަމް މީހަކުވެސް ހިމެނެ އެވެ.
އޭނާ ވިދާޅުވީ، އެކަހެރިކުރި މީހުންގެ ތެރޭގައި ހިމެނޭ ހައިރިސްކް 16 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި އެ މީހުންގެ ނަތީޖާތައް ލިބޭވަރުވާނެ ކަމަށެވެ. މި ކޭސްއާ ގުޅިގެން އިއްޔެވެސް ވަނީ 11 މީހެއް ޓެސްޓްކޮށްފައި އެވެ.
ނޯޓް: ކުޅުދުއްފުށިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހަތަރެއް ކަމަށް ޖެހުނީ، ހޯމް ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ކުއްޖާ ނުހިމެނި އެވެ. އެހެންވެ ހަބަރު އިސްލާހްކޮށް އަލުން މިވަނީ ޝާއިޢުކޮށްފަ އެވެ.