twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކުޅުދުއްފުށީގައި ގިނަ ބަޔަކު ތާށިވެފައި

އަބްދުލް ވާހިދު ޙަސަން
Sep 28, 2020
2

މިދިޔަ ހުކުރުދުވަހު، ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅުބޯޓްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް އަރައި ފޭބުން މަނާކޮށްފައި އެވެ.

ހުކުރުދުވަހުގެ ރޭގަނޑު 8:45 ގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއަދަށް މިވީ މިހާލަތުގައި އޮންނަތާ ތިންވަނަ ދުވަހެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކުޅުދުއްފުއްޓަށް މާލެ ފިޔަވައި އެންމެ ގިނަ މީހުން އަރައި ފައިބާ ރަށެވެ. ސިއްހީ އަދި ވިޔަފާރީގެ އިތުރުން ޒަރޫރީ އެކި ބޭނުންތަކަށް ގިނަ ބަޔަކު ކޮންމެ ދުވަހުވެސް ކުޅުދުއްފުއްޓަށް އާދެ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކުޅުދުއްފުށީގައި ތާށިވެފަ ހާލުގައި ޖެހިފައި އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، 100 އެއްހާ މީހުން މިހާލަތުގައި ކުޅުދުއްފުށީގައި ތާށިވެފައިވާ ކަމަށެވެ.

"ސިއްހީ ހިދުމަތަށާއި ބްލޮކް މޯޑަށް ކިޔަވާ ކުދިންނާއި އެހެނިހެން ކަންކަމުގައި ޒަރޫރީ ބޭނުންތަކަށް އައިސް ތިބި ސަތޭކައެއްހާ މީހުން ތިބީ ތާށިވެފަ." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާލަތުގައި ބައެއް ފަރާތްތަކަށް އެޗްޕީއޭގެ ހުއްދަ ލިބިގެން ދަތުރުކުރާ ކަމަށާ އެކަމަކު އެ ހުއްދަ ހޯދަނީ ކިހިނެއްކަމެއް ނޭނގޭ ކަމަށެވެ.

"މިކޮޅަށް އައިސް އުޅޭ ޕީއެސްއެމްގެ ޓީމަށް އެޗްޕީއޭގެ ހުއްދަ ލިބުނު ފުރަން މިހާލަތުގަ. އެކަމަކު ޖެންޑާގެ މިނިސްޓްރީގެ ޓީމަކަށް އެޗްޕީއޭގެ ހުއްދައެއް ނުދިން. އަޅުގަނޑުމެންނަށް ނޭނގޭ ހުއްދަ މި ހޯދަނީ ކިހެނެތްކަމެއް. ރަށުން ބޭރުގައިވެސް އެބަތިބި އެތައް ބައެއް ނާދެވިފަ." ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުށިން ނުފުރިފަ ތިބި ފަރާތްތަކުގެ ޝަކުވާވެސް ކައުންސިލަށް ލިބިފައިވާ ކަމަށާ އެފަރާތްތަކަށް ސަރުކާރުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ލަތީފް އެދިލެއްވި އެވެ. އަދި ކުޅުދުއްފުށި ފަދަ ބޮޑެތި ރަށްރަށް މޮނިޓަރިން ގެންނައިރު މިފަދަ މައްސަލަތައް ހައްލުވާނެގޮތަކަށް އިންތިޒާމުތައް ސަރުކާރުން ހަމަޖައްސައިދިނުމަށްވެސް އޭނާ އެދިލެއްވި އެވެ.

ކުޅުދުއްފުށީގައި ތާށިވެފައި ހުރި މީހަކު ބުނީ މިހާ ދަތިދުވަސްކޮޅެއްގައި ކުލި ދައްކައިގެން މިހެން ތިބެން ޖެހުމަކީ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށާ ރަށަށް ގޮސް ކަރަންޓީނުވާ ގޮތަށްވެސް ފޮނުވައިދޭން ކަމާ ގުޅުން ހުރި ހުރިހާ ފަރާތެއްގައި އެދިފައިވީނަމަވެސް މިހާތަނަށް އައިއިރުވެސް އެއްވެސް އަލިމަގެއް ނުފެންނަ ކަމަށް އެ މީހާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355