- މި ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރަކަށް ވަނީ އަރާފަ
- މިހާތަނަށް ޖުމްލަ 30 ސާމްޕަލް ނަގާފައިވޭ
- ކޮންޓެކްޓް ޓްރޭސިންގ ވަނީ ނިންމާލާފައި
ކުޅުދުއްފުށި، ފާޅުބޯޓްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ރޭސިންގެ ތެރެއިން އާދިއްތަ ދުވަހު ނެގި 18 ސާމްޕަލް ނެގެޓިވްވެއްޖެ އެވެ.
ފާޅުބޯޓްގެ ކެޕްޓަނާއެކު އިތުރު ދެ ފަޅުވެރިޔަކާއި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައު ފާހަގަކުރެވުނު ފަރާތެއްވެސް ވަނީ ޕޮޒިޓިވްވެފައިވެ އެވެ. އެ ކޭސްތަކާ ސީދާ ގުޅުން ހުރި 18 މީހެއްގެ ސާމްޕަލް އާދިއްތަ ދުވަހު ނަގާފައިވާއިރު އެ ހުރިހާ ސަމްޕަލްތަކެއްވެސް ނެގެޓިވްވެފައިވާކަމަށް ކޭއޯއަށް މައުލޫމާތުދިން އޮފިޝަލަކު ވިދާޅުވި އެވެ.
އިއްޔެ ނެގި 18 ސާމްޕަލްގެ ތެރޭގައި ނޮޅިވަރަމު މީހެއްވެސް ހިމެނެ އެވެ. މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 51 މީހެއް އެކަހެރިކޮށް، ކެޕްޓަނާއެކު 30 މީހެއްގެ ސާމްޕަލް ވަނީ ޓެސްޓްކޮށްފަ އެވެ. ޓެސްޓްކުރި މީހުންގެ ތެރޭގައި ހިމެނެނީ ބޯޓްގެ 12 ފަޅުވެރިންނާއި އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތްތަކުގެ ތެރެއިން ހައިރިސްކް 18 ފަރާތެކެވެ.
ފާޅުބޯޓްގެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 51 މީހަކު އެކަހެރިކޮށް، 7 ގެޔެއް ކަރަންޓީނުކޮށްފައިވާކަމަށެވެ. އަދި މީގެ އިތުރުން ފާޅުބޯޓްވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. މި ބޯޓް ނޮޅިވަރަމަށްވެސް ގޮސްފައިވާތީ އެރަށްވެސް އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ. އެގޮތުން އެރަށުގައި ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.
އެކަހެރިކުރި މީހުންގެ ތެރެއިން ހައިރިސްކް މީހުން ފިޔަވާ ދެން ތިބި މީހުން ޓެސްޓްކުރާނީ ބަލީގެ އަލާމަތްތައް ފެނުމުންނެވެ.