twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފުލުހުންގެ އާންމު އޮޕަރޭޝަންތައް ހިންގުމަށް ނޯތު އޮފީސް އިމާރާތުން ބައެއް ހަމަޖައްސައިފި

- މި އިމާރާތުގައި މަސައްކަތްކުރާނީ ކަރަންޓީން ނިންމާފަ ނުކުންނަށް ފުލުހުން
- މާދަމާއިން ފެށިގެން އާންމު އޮޕަރޭޝަންތައް ފަށާނެ
- ކުޅުދުއްފުށީގައި ފުލުހުންގެ އާންމު ހިދުމަތް މެދުކެނޑިފައި އޮންނަތާ ދެ ދުވަސް ވަނީ ވެފަ

އަބްދުލް ވާހިދު ޙަސަން
Oct 19, 2020
4

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ތެރެއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، ގިނަ އަދަދެއްގެ ފުލުހުން އެތަނުގައި ކަރަންޓީނުކޮށްފައިވާއިރު ކުޅުދުއްފުށީގައި ފުލުހުންގެ ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ކޭސްތައް ފެނުމާއެކު ސްޓޭޝަން ލޮކްޑައުންކޮށް އާންމު އޮޕަރޭޝަންތައް މަޑުޖައްސާލި އެވެ. އަދި މީހުން ވަދެ ނުކުމެ އުޅުން މަނާކޮށް ބައެއް ހިދުމަތްތައް އޮންލައިންކޮށް ދެމުންދިޔަ ނަމަވެސް ފިޒިކަލީ ފުލުހުން އެޓެންޑްވެގެން ކުރަމުންދިޔަ މަސައްކަތް އެއްކޮށް މެދުކަނޑާލި އެވެ. އެއީ ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައި އެވެ.

ނަމަވެސް އެޗްޕީއޭގެ އިރުޝާދުގެ ދަށުން ރަށުތެރެ ކޮންމެވެސް ވަރަށް ޕެޓްރޯލްކުރުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ. އެއީވެސް ފުލުހުންގެ ވެހިކަލުން ނުނިކުމެ ހަމައެކަނި ރަށުތެރެ ޕެޓްރޯލްކުރުމުގައި އެވެ.

ފުލުހުންގެ ފުރަތަމަ ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ބައެއް ފުލުހުން ކަރަންޓީންކޮށްފައިވަނީ ސްޓޭޓް ހައުސްގައި އެވެ. އެތަނުގައި ތިބި ފުލުހުން ކަރަންޓީން ނިންމާ ޓެސްޓްކުރުމަށްފަހު މިއަދު މެންދުރުފަހު ވަނީ މަސައްކަތަށް ނުކުންނަށް ފަށާފަ އެވެ. އަޕަރ ނޯތް ޕޮލިސް ކޮމާންޑަރު، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ފާތިމަތު ނަޝްވާ ކޭއޯއަށް ވިދާޅުވީ، ފުރަތަމަ ބެޗްގައި ސްޓޭޓް ހައުސްގައި ކަރަންޓީން ކުރި ފުލުހުން މުއްދަތު ހަމަކޮށް ރިލީޒް ސާމްޕަލް ނަގައި ޓެސްޓްކުރުމަށްފަހު މިއަދު މެންދުރުފަހު މަސައްކަތަށް ނުކުންނާނެ ކަމަށެވެ.

ގާތްގަނޑަށް ދެ ދުވަހުގެ މެދުކެނޑުމަކަށްފަހު ފުލުހުން އާންމު އޮޕަރޭޝަންތައް ފަށަންވާއިރަށް އެފަރާތުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. ނަސްވާ ވިދާޅުވީ، ކަރަންޓީން ނިންމާފައި ނުކުންނަށް ފުލުހުން މަސައްކަތް ކުރަނީ ނޯތް އޮފީސް ކޮމްޕްލެކްސްގެ އިމާރާތުން ބައެއްގައި ކަމަށެވެ.

ނޯތް އޮފީސް ކޮމްޕްލެކްސްގެ ގުރައުންޑް ފްލޯގެ ހޯލުގައި ފުލުހުންގެ އޮފަރޭޝަން ހިންގުމަށްޓަކާ ހާއްސަ ސެޓަޕެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ސްޓޭޓް ހައުސްއިން ކަރަންޓީން ނިންމާފައި ނުކުންނަށް ފުލުހުން ވަކި އިމާރާތެއްގައި މަސައްކަތް ކުރާ ގޮތަށް ނިންމީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ލޮކްޑައުންކޮށްފައިވާތީ ދެ ބައި މީހުން އެއްކުރުމަކީ ރައްކާތެރިކަމަށްނުވާތީކަމަށް ނަސްވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްޓޭޓް ހައުސްއިން ކަރަންޓީން ނިންމާ ނުކުންނަށް ފުލުހުން އެއްވެސް ވަރަކަށް ޕޮލިސް ސްޓޭޝަނަށް ނުދާނެ ކަމަށާ ފިޒިކަލީ މަސައްކަތްތައް މުޅިންވެސް ކުރިއަށްދާނީ ވަކިން ކަމަށެވެ.

ނަސްވާ ވިދާޅުވީ، މާދަމާއިން ފެށިގެން ފުލުހުންގެ އާންމު ހިދުމަތްތައް ފެށޭނެ ކަމަށާއި މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ނޯތް އޮފީސް ކޮމްޕްލެކްސްގައި ގާއިމުކޮށްފައިވާ ފުލުހުންގެ އޮފީހަށް ގޮސްވެސް ހުށައެޅޭނެ ކަމަށެވެ. އަދި އާންމުކޮށް ރަށުތެރެ ޕެޓްރޯލްކުރުމާއި ފިޒިކަލީ ތަންތަނަށް ގޮސްގެން ކުރަން ޖެހޭ ތަހްގީގްތަކާއި މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

މާދަމާއިން ފެށިގެން ފުލުހުންގެ މަސައްކަތް ދެ އިމާރާތެއްކުރަމުންދާއިރު ޕޮލިސް ސްޓޭޝަންގައި ބޮޑަށް ކުރަމުންދާނީ އޮންލައިންކޮށް ކުރާ މަސައްކަތާއި އެޑްމިނިސްޓްރޭޓިވް މަސައްކަތް ކަމަށް ނަސްވާ ވިދާޅުވި އެވެ.

ކަރަންޓީނުގެ ހާލަތަކީ ފުލުހުންގެ ހިދުމަތް ވަރަށް ބޮޑަށް ބޭނުންވާ ވަގުތެއް ނަމަވެސް ގިނަ އަދަދެއްގެ ފުލުހުން ކޮންޓެކްޓްވެ ކަރަންޓީނުކުރުމުގެ ސަބަބުން އެހިދުމަތް އެންމެ އެކަށީގެންވާގޮތުގައި ދިނުމުގައި މިދިޔަ ދެ ދުވަހު ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355