ކުޅުދުއްފުށި މޮނިޓަރިންގ ގެ ހާލަތުން ނެގުމަށް މަސައްކަތް ކުރެވޭނީ ރަށުގައި ބަލިނެތް ކަން ޔަގީން ކުރުމަށް ފަހު ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މިހެން ވިދާޅުވީ ކުޅުދުއްފުށީގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ. އެ ގޮތުން ކުޅުދުއްފުށީގައި އޮތް ލޯކަލް ޓްރާންސްމިޝަން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެ ރަށުގައި ގާއިމުކުރެވިފައިވާ ޓާސްކް ފޯސް ހަރުދަނާ ކުރެވި އޮޕަރޭޝަން ސެންޓަރެއް މިހާރު ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ކުޅުދުއްފުށީގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ރަށުގައި ހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދާއިރު މިހާރު އެ ރަށުގައި ފްލޫ ކްލިނިކެއް ވެސް ގާއިމުކުރެވިފައިވާ ކަމަށެވެ.
މި ފްލޫ ކްލިނިކުން ބަލީގެ އަލާމާތްތައް ހުންނަ މީހުންގެ ޓެސްޓް ކުރުން ކުރިއަށް ދާނެ ކަމަށާއި ކުޅުދުއްފުއްޓަކީ ސަރަހައްދުގެ ގިނަ މީހުން ޒަރޫރީ ބޭނުންތަކަށް ދާނެ ތަނަކަށްވާތީ ރައްކާތެރިކަމާއި އެކު އެ މަސައްކަތް ކުރަމުންދާކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ ނަޒްލާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިން ގެ ހާލަތުގައި އޮތީ އެރަށުގައި ލޯކަލް ޓްރާންސްމިޝަން އޮތުމާއެކު ބަލި އޮތް މިންވަރު ދެނެގަނެވެން ދެން ކަމަށެވެ.
މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަލީގެ އަލާމާތްތައް ހުރެގެން 59 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި ނަމަވެސް އެ އެންމެންގެ ނަތީޖާވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އަދި ރޭންޑަމް ސާމްޕަލްގެ ގޮތުގައި 120 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެ މީހުންގެ ސާމްޕަލްތައް ވެސް ނެެގެޓިވް ކަމަށް ނަޒްލާ ވިދާޅުވިއެވެ. ރަށުގައި ބަލި އޮތް މިންވަރު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ ދެވަނަ ބުރެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.