ރައީސް ޔާމީން ބޭނުންފުޅު ނަމަ މި ސަރަހައްދުން ކޮންމެ ގައުމަކަށް ވަޑައިގެން ވެސް ޑޮކްޓަރަށް ދެއްކެވުމުގެ ފުރުސަތު ދެއްވާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމިން ގެންދަވަނީ އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ނެވެ.
ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ނަމަ މި ސަރަހައްދުން ކޮންމެ ގައުމަކަށް ވަޑައިގެން ވެސް ޑޮކްޓަރަށް ދެއްކެވުމުގެ ފުރުސަތު ދެއްވާފައި ވާނެ ކަމަށެވެ. ނަމަވެސް ޔާމީން ބޭނުންވީ އެ ފުރުސަތުގެ ބޭނުން ނުކުރައްވާ، ގެކޮޅަށް ބަދަލުވާން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައީސް ޔާމީން ބޭރަށް ވަޑައިގެން ހައްދަވާ ޓެސްޓުތަކަށް ފަހު، ޖަލުގައި ބެހެއްޓުން އެއީ އެކަށީގެން ނުވާ މާހައުލެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވައިފިނަމަ ގެޔަށް ބަދަލު ކޮށް ދެއްވާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ބަލި ހާލަތާއި ގުޅޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލިޔުމުގައި، ލަފާދެއްވާފައި ވަނީ ރާއްޖެއިން ބޭރުން ޓެސްޓެއް ހެއްދެވުމަށާއި، "ސްޓްރެސް ފްރީ" މާހައުލެއްގައި ބެހެއްޓެވުމަށް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ސީދާ މިނިސްޓަރު، ރައީސް ޔާމީނާއި ބައްދަލު ކުރައްވައި ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ވަޑައިގަތުމަށް ފުރުސަތު އޮތް ކަމުގައި ދެންނެވި ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި މިނިސްޓަރު އިމްރާން ވަނީ ރައީސް ޔާމީން ޖަލުގައި ހުންނަވާ ތަނަކީ ރަނގަޅު ފެންވަރުގެ އެޕާޓްމެންޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.