ދިހަ ދުވަހަށް ފަހު ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތު އުވާލައި އާންމު ހާލަތަށް ބަދަލުކޮށްފި އެވެ. ކުޅުދުއްފުށި މޮނިޓަރިންއަށް ލާފައިވަނީ ކޮވިޑް-19 ގެ ކޭސްއެއް ފެނިގެން މިމަހު 17 ވަނަ ދުވަހުގެ ރޭގަނޑު 22:35 ގައި އެވެ.
ފާއިތުވި ދިހަ ދުވަސްތެރޭގައި ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރޭތޯ ބެލުމަށް 380 ރޭންޑަމް ސާމްޕަލް ނެގިފައިވާވެ އެވެ. އެ ހުރިހާ ސާމްޕަލްތަކެއްވެސް ނެގެޓިވްވެފައިވާކަމަށް އެޗްއީއޯސީން ދެންމެ ވަނީ ކަށަވަރުކޮށްދީފަ އެވެ.
ކުޅުދުއްފުށި މޮނިޓަރިން ނެގީ މިރޭ 19:12 ގައި އެވެ. ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާފައިވާކަމަށް އެޗްއީއޯސީން ކަނޑައަޅައި ވަނީ ބަލި ކޮންޓްރޯލްކުރުމަށް އަޅަމުންދިޔަ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކަކާ ކޮންޓެކްޓްވެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އޭގެ ފަހުން ހަމަ އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ޕޮޒިޓިވްވި އެވެ. އަދި ށ. ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ކްލަސްޓާއާ ގުޅިގެން ހއ ދިއްދޫންވެސް ވަނީ ހަތަރު މީހަކު ޕޮޒިޓިވްވެފަ އެވެ.
އޭގެ ފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ކޭޓަރިންގެ ހިދުމަތް ދޭ ކާނިވަލް ކޮމްޕެނީގެ ތިން ބިދޭސީއަކުންވެސް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ފަހުން ނެގި ރޭންޑަމް ދެ ސާމްޕަލަކުން ދެ ފުލުހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެތަނުން ފުލުހެއްގެ އާއިލާއެއްގެ ހަތަރު މެމްބަރަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެޗްއީއޯސީން ބުނީ މޮނިޓަރިން ރަށް ނެގިކަމުގައިވިޔަސް ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަ ނުކުމެ ނޫޅުމަށާއި ބޭރަށް ނުކުމެ އުޅޭއިރު މާސްކް އަޅައިގެން ގައިދުރުކަމަށް އިސްކަންދީގެން އުޅުމަށެވެ.