ރަށްރަށަށް ހޯމް ކަރަންޓީނުވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ރަށަށް ދިއުމަށްފަހު ކަރަންޓީނު ވުމުގެ އާންމު އުސޫލާއި އެއްގޮތަށް 14 ދުވަސް ފުރިހަމަކުރަންޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއީ)ން ބުނެފި އެވެ.
އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި ވަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ފިޔަވައި ރާއްޖެއަށް އަންނަ ބިދޭސީންގެ ނެގެޓިވް ޕީސީއާރު ރިޒަލްޓެއް އޮންނަންވާނެ ކަމަށެވެ. އަދި މިގޮތަށް ހަދާ ޕީސީއާރު ޓެސްޓްގެ ސާމްޕަލް ނަގަންވާނީ ރާއްޖެއައުމަށް ފުރާ ފުރަތަމަ ބަނދަރުން ފުރުމުގެ 96 ގަޑީއިރުގެ ތެރޭގައެވެ.
ދަތުރުމަތީގައި ޓްރާންސިޓް ކުރަންޖެހޭނަމަ ޕީސީއާރު ޓެސްޓްގެ ނަތީޖާ ގަބޫލުކުރާނީ ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ އިތުރުނުވާ ކަމަށްވާނަމަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖެއައުމަށް ކުރާ ދަތުރުގައި 24 ގަޑީއިރަށްވުރެ ދިގު ޓްރާންސިޓެއް ކުރާނަމަ ޓްރާންސިޓް ކުރި ތަނުން ފުރުމުގެ 96 ގަޑީއިރު ތެރޭގައި އަލުން ޕީސީއާރު ޓެސްޓް ހަދަންވާނެ ކަމަށް މިއުސޫލުގައި ބުނެފައިވެ އެވެ.
އަދި ރާއްޖޭގައި އުޅޭ ދިވެހިންނާއި ބިދޭސީން ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރަށަކަށް ދާނަމަ އެރަށަކަށް ފުރުމުގެ 72 ގަޑީއިރުތެރޭގައި ޕީސީއާރު ޓެސްޓެއް ހަދަންވާނެ ކަމަށާއި އަދި މިގޮތަށްދާނަމަ ނެގެޓިވް ޕީސީއާރު ނަތީޖާ އެއް އޮންނަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
ރާއްޖެއިން ބޭރުން އަންނަ ބިދޭސީން ރާއްޖެއަށް އަންނައިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮތްނަމަ ރާއްޖެ އައުމަށްފަހު ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށެއްގައި 72 ގަޑީއިރު ނުވާނަމަ ފުރަބަންދު ކަރަންޓީނަށް ދާން ޕީސީއާރު ޓެސްޓް އަލުން ހަދާކަށް ނުޖެހޭނެ އެވެ. ނަމަވެސް 72 ގަޑީއިރަށްވުރެ ގިނައިރު މަޑުކުރަންޖެހޭނަމަ ފުރަބަންދު ކަރަންޓީނަށް ދާން ފުރުމުގެ ކުރިން އަލުން ޕީސީއާރު ޓެސްޓް ހަދަންވާނެ ކަމަށް އުސޫލުގައިވެ އެވެ. އަދި މިހެން ހުންނައިރުވެސް ކަރަންޓީނު އުސޫލާ އެއްގޮތަށް އަމަލުކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.
ހުން އައުން، ކެއްސުން ފަދަ ކޮވިޑް-19 ގެ އަލާމާތްތައް ހުރި ފަރާތެއްނަމަ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިއަސް ދަތުރުނުކޮށް މަޑުކުރަންވާނެ ކަމަށާއި އަދި ދަތުރުކުރަންވާނީ އަލާމާތްތައް އެއްކޮށް ރަނގަޅުވުމަށްފަހު މަދުވެގެން 48 ގަޑީއިރު ވުމަށްފަހު ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
ކަރަންޓީނުވާން ދާ ފަރާތްތަކަށް ދަތުރުމަތީގައި އާއި ކަރަންޓީނުގައި ތިބޭއިރު އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު ފުރުމުގެ ކުރިން ވަޒީފާދިން ފަރާތުން ނުވަތަ އެބައެއްގެ ބެލެނިވެރި ފަރާތުން ފޯރުކޮށްދޭންޖެހޭނެ އެވެ. އަދި ކަރަންޓީނުވާން ޖެހޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވެފައިހުރިތޯ ބެލެނިވެރި ފަރާތުން ކަށަވަރުކުރަން ޖެހޭނެ އެވެ.