twitterviber whatsapp telegramfacebookyoutube instagram
5th May 2024

ހަކުރުބަލީގެ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް

ނަބީލާ އިސްމާޢީލް
Nov 14, 2020

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

މި އަހަރުގެ ހަކުރުބަލި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން" މި ޝީއާރެވެ.

ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހެވެ.

މިއަހަރުގެ ޝިއާރަކީ 2020 ވަނަ އަހަރުގެ އިތުރުން 2021 ވަަނަ އަހަރަށްވެސް ކަނޑައަޅާފައިވާ ޝިއާރު ކަމަށާއި މި ޝިއާރުގެ މަގްސަދަކީ ހަކުރުބަލި ޖެހިފައިވާ މީހުންނާއި އާއިލާތަކައް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ނަރުހުން އަދާކުރާ އިސް ދައުރު ފާހަގަކުރުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެއެވެ.

އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނަށް ވާއިރު، މީގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ.

އެޗްޕީއޭ އިން ބުނީ މި އަހަރުގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކިދުވަސް ތަކަށް ބަހާލައިގެން ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމު ތަކުގައި ތަޖުރިބާކާރުން ހަކުރުބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަކުރުބައްޔަށް އަހުލުވެރި ކުރުމުގެ ގޮތުން މިރޭ އައިޖީއެމްއެޗް އާއި، ޑައިބެޓިސް ސޮސައިޓީ އަދި އެޗްޕީއޭ ގުޅިގެން ވެބިނާ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވެބިނާގައި މައުލޫމާތު ދެއްވާނެ ބޭފުޅުންގެ ތެރޭގައި ޑައިޓިޝިއަނުން، ނިއުޓިރިޝަނިސްޓުން، ފިޒީޝިއަނުން، އަދި ޕަބްލިކް ހެލްތު އެކްސްޕާޓުން ހިމެނެއެވެ. އަދި މި ވެބިނާގައި ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން އޮފީސް މާހައުލުގައި "މޫވް ފޯ ޑައިބެޓިސް" ގެ ނަމުގައި ކަސްރަތު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޮފީސްތަކުން ހަރަކާތްތަކުގައި ނަންގާ ފޮޓޯ އެޗްޕީއޭ އަދި ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ޓެގްކޮށް ސޯޝަލް މީޑިއާގައި "#movefordiabetes, #WWD2020, #unitedfordiabetes" ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރެވޭނެ ކަމަށާއި ކޮންމެ މީހަކަށްވެސް މި ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355