twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަރުވާ އަދަދަކީ ބަލީގެ ހާލަތު އަންގައިދޭ މިންގަނޑެއް ނޫން: ޑރ. ނަޒްލާ

ނަބީލާ އިސްމާޢީލް
Nov 16, 2020

ކޮވިޑް ޖެހިގެން މީހުން މަރުވާ އަދަދަކީ ބަލީގެ ހާލަތު އޮންނަވަރު ދެނެގަނެވޭ މިންގަނޑެއް ނޫން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ އާއި ރޭވެސް ވަނީ ކޮވިޑު ޖެހިގެން މީހަކު މަރުވެފަ އެވެ. އެއާ އެކު، ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 44 އަށް އެރީ އެވެ.

އެޗުއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮވިޑް ޖެހިގެން ގިނަ މީހުން މަރުވަނީ ކުއްލި ގޮތަކަށް ނޫން ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދެމުން އަންނަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގޮތުން އިއްޔެ މަރުވި މީހާއަކީވެސް ހޮސްޕިޓަލުގައި ގާތްގަނޑަކަށް 23 ދުވަހު އެޑްމިޓް ކޮށްފައި ފަރުވާ ދެނިކޮށް މަރުވެފައިވާ މީހެއް ކަމަށް ނަޒްލާ ވިދާޅުވި އެވެ.

މިހާތަނަށް ހޯދައިފައިވާ ހޯދުންތަކަށް އިޝާރާތްކުރައްވައި ނަޒްލާ ވިދާޅުވީ ކޮވިޑް ބައްޔަކީ އެކި ގުނަވަންތަކަށް އަސަރުކޮށް އެކި ކަހަލަ ކޮމްޕްލިކޭޝަންސްތައް ގެނުވާ ބައްޔެއް ކަމަށެވެ. އެހެންކަމުން ދިގު މުައްދަތަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް އެކި ކަހަލަ "ކޮމްޕްލިކޭޝަންސް"ތައް އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭ އިން ކަނޑައަޅާފައިިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން އޭނާ އިލްތިމާސް ކުރެއްވި އެވެ. މާސްކު އެޅުމަށާއި ސޯޝަލް ޑިސްޓެނސިން އާއި ކޮންޓެކްޓް ބަބުލް ވީހާ ވެސް ކުޑަކުރަން މަސައްކަތްކުރަން އެދިވަޑައިގަތެވެ.

މިހާތަނަށް 12،204 މީހަކަށް ރާއްޖެ އިން ކޮވިޑް ޖެހިފައިވި ނަމަވެސް މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 871 މީހެކެވެ. މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 44 މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355