ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީނުވެ، ކައުންސިލްގެ ހުއްދަ ނުނަގާ ކުޅުދުއްފުށީ ސިޓީއަށް މިދިޔަ އައި ފުލުސް އޮފިސަރު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. އެ މީހާ އައި މިދިޔަ އަންގާރަދުވަހު އެވެ.
އުސޫލާ ހިލާފަށް އައުމުން ކައުންސިލުން ވަނީ އެ މީހާ ކަރަންޓީނުކޮށް، ޖޫރިމަނާކުރުމަށް ފުލުހުންގެ ފަރާތުން އެދިފަ އެވެ. ފުލުހަކަށްވާތީ އޭނާ ޖޫރިމަނާ ނުކުރާކަމަށް ރަށުތެތެރޭގައި އަޑު ފެތުރިފައިވީނަމަވެސް، ފުލުހުންވަނީ އޭނާ ޖޫރިމަނާކޮށްފައިވާކަން ކޭއޯއަށް ޔަގީންކޮށްދީފަ އެވެ.
އޭނާ ޖޫރިމަނާކޮށްފައިވަނީ 1000 ރުފިޔާއިންނެވެ. މާލެ ސަރަހައްދުންނާއި ގެސްޓް ހައުސް ހިންގާ ރަށްރަށުން އަންނަ ފަރާތްތަކުން ކަރަންޓީނުވާން ޖެހެ އެވެ. އެ މީހަކީ އއ ރަސްދޫގައި މަސައްކަތްކުރާ ފުލުހެކެވެ. އެރަށަކީ ގެސްޓް ހައުސް ހިންގާ ރަށެކެވެ.
މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވީ، އެއާޕޯޓްގައި ތިބި ކައުންސިލް މުވައްޒަފުންނަށް އޮޅުވާލުމަށް އޭނާ މަސައްކަތްކުރި ކަމަށާ ޕޯޓަލްގައި ރަޖިސްޓްރީނުވެ އައުމުން އޭނާ އައި ތަނެއް ބެލުމަށް ކައުންސިލްގެ އޮފިޝަލުން ތަކުރާރުކޮށް އެހުމުންވެސް ފުރަތަމަ ބުނީ އޭނާ އައީ އދ މަހިބަދޫން ކަމަށެވެ.
އެކަމަކު އެކަން ޔަގީންކުރުމަށް ކައުންސިލް އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކަށާއި ރަށްތަކަށް ގުޅައި ސާފުކުރުމުން އެނގުނީ އޭނާ އައީ ރަސްދޫއިން ކަމަށެވެ. އޭގެ ކުރިން އޭނާ މަތިވެރިއަށްވެސް ގޮސްފައިވާކަމަށް މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް ކިޔާދިނެވެ. މަތިވެރިއަކީ ހަލުވިކަމާއެކު ކޮވިޑް ބަލި ފެތުރެމުންދާ ރަށެކެވެ.
ކޮވިޑްގެ މަސައްކަތްތައް މިހާރު ބަހާލާފައިވާގޮތުން ކަރަންޓީނު ކުރުމުގެ މަސައްކަތްތައް ކައުންސިލުންކުރަމުންދާއިރު ޕަބުލިކް ހެލްތްގެ ދައުރަކީ ކަރަންޓީނުކުރާ މީހުންގެ ހާލު ބެލުމާއި ސާމްޕަލް ނަގައި ޓެސްޓްކުރުމެވެ. އަދި ފުލުހުން ދައުރަކީ އެޗްޕީއޭގެ ގައިޑްލައިންނަށް މީހުން އަމަލުކުރޭތޯ ޔަގީންކޮށް ފިޔަވަޅު އެޅުމެވެ.