ވިޑް-19އަށް ޕޮޒިޓިވްވި މާބަނޑު އަންހެނަކު ބަނޑުގައި ރިއްސާތީ އެހީއަށް އެދި އެޗްޕީއޭ އަށް ގުޅުމުން އެތަނުން ބަަލައި އައީ ތިން ދުވަސް ފަހުން ކަމަށް އާއިލާއިން ބުނެފި އެވެ.
ބަނޑަށް ނުވަ މަހުގައި ކޮވިޑް ޖެހުނުކަން އަންހެން މީހާއަށް އެނގުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭރު ވެސް އޭނާގެ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔުމަށް އެޗްޕީއޭ އަށް އެންގި ކަމަށާއި އެކަމަކު އެތަނުން ފޯނު ނެގީ ޖެހިގެން އައި ދުވަހު ކަމަށް ބުންޏެވެ.
އާއިލާ އިން ބުނި ގޮތުގައި އެޗްޕީއޭ އިން ފޯނު ނަގާފައި، މެޑިކަލް ޓީމުން ގުޅާނެ ކަމަށް ބުންޏެވެ. ނަމަވެސް ޖެހިގެން އައި ދެ ދުވަހު ވެސް އެތަނުން ނުގުޅާ ކަމަށް އެ އާއިލާއިން ޓްވިޓާގައި ވަނީ ހިއްސާ ކޮށްފައެވެ.
"އަޅުގަނޑުމެން ހުއްޓާނުލައި އެތައް ފަހަރަކު ގުޅިން. އެކަމަކު ޖަވާބެއް ނުލިބޭ. ފޯނު ނެގިޔަސް ބުނަނީ މެޑިކަލް ޓީމުން ގުޅާނޭ. ފަހުން ޚަބަރެއް ނުވޭ،އޭރު ކޮއްކޮ ދިޔައީ ބަނޑުގައި ރިއްސަމުން. ކައިރިކައިރީގައި ރިހުންގަނޑު އާދޭ،" މާބަނޑު އަންހެން މީހާގެ ދައްތައެއް ބުންޏެވެ.
@HPA_MV @hpa my sister is 9 months pregnant and in home quarantine. She’s sick to death and in a lot of pain. Here we are talking about a woman who is due in few days. We’ve been calling you for 5 days. Nobody came to check on her 1/2
— faloo (@faloo38661309) May 14, 2021
ތިން ވަނަ ދުވަހު ވެސް ޚަބަރެއް ނުވުމުން އެންމެ ފަހުން އާއިލާ އިން އެ ވާހަކަ ޓްވީޓް ކުރި އެވެ. ޓްވީޓް ކުރިތާ ބައިގަޑިއިރު ފަހުން އެޗްޕީއޭ އާއި ރައީސް އޮފީހުން ވެސް ގުޅި ކަމަށާއި މާބަނޑު މީހާ ގެންދަން ބޭނުންވާ ހޮސްޕިޓަލާއި އޭނާގެ ހުރިހާ މައުލޫމާތެއް ނެގި ކަމަށް އާއިލާއިން ބުންޏެވެ. އެޗްޕީއޭ އިން އެދުނު ކަމަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމަށެވެ.
އެކަމަކު ދެން ވެސް އޭގެ ފަހުން ޚަބަރެއް ނުވެގެން އެޗްޕީއޭ އަށް ގުޅުމުން، "ބަލި މީހާ މާލޭން ބޭރަށް ދާން ބޭނުން ނުވާތީ ރިޖެކްޓްކޮށްލީ" ކަމުގެ ޖަވާބު ދިން ކަމަށް އާއިލާ އިން ބުންޏެވެ.
"އަޅުގަނޑުމެން ނުބުނަން މާލޭން ބޭރަށް ދާން ބޭނުން ނުވެއެކޭ. އެ ހާލަތުގެ ގޮތުން ކޮންމެ ތަނަކަށް ވިޔަސް ދާން ބޭނުންވެފައި ތިބީ" ބަލި މީހާގެ ދައްތަ ބުންޏެވެ.
ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭގެ ތިން ގަޑިއިރު ފަހުންނެވެ. އަދި ޑޮކްޓަރަށް ދައްކައި، އެންޓިބަޔަޓިކްސް ފެށުމަށް އަންގައި، އެރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު އަނެއްކާ ވެސް ގެއަށް ދޫކޮށްލީ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ގެއަށް ގޮސް މާގިނަ އިރެއް ނުވެ އަންހެން މީހާގެ ގައިން ލޭ ފައިބަން ފެށި އެވެ. އަދި ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް އައިޖީއެމްއެޗުން ދެން އެންގީ އިމަޖެންސީގައި ސިޒޭރިއަން ހަދަން ކަމަށް އާއިލާއިން ބުންޏެވެ.
We just want your assistance to take her to the hospital, to ensure both my sister and her unborn child is safe. Is this too much to ask for . What does it take for a Normal civilian to get the proper medical care. Do I have to beg you to save my sisters life ? 2/2 @HPA_MV
— faloo (@faloo38661309) May 14, 2021
އޮޕަރޭޝަނަށް ފަހު މައި މީހާގެ ހާލު ރަނގަޅު ނަމަވެސް ދަރިފުޅަށް ފަރުވާ ދެމުން ދަނީ އެންއައިސީޔޫގަ އެވެ.އާއިލާއިން ބުނީ މި ފަދަ ދަނޑިވަޅެއްގައި އެންމެން ވެސް ބިޒީވާނެކަން އެނގޭ ކަމަށާއި އެކަމަކު ވިހަން ކައިރިވެފައިވާ މީހެއްގެ ހާލު އެނގި ވެސް އެޗްޕީއޭ އިން ލަސްކުރުން ވަރަށް ދެރަ ކަމަށެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހާހުން ގުނެމުން ދާއިރު، އެ އެންމެން ވެސް އެކި ކަންކަމުގައި ގުޅަން ޖެހެނީ އެޗްޕީއޭ އަށެވެ. އެކަމަކު ގިނަ ބައެއްގެ ޝަކުވާ އަކީ އެތަނުން ފޯނު ނުނެގުމެވެ.
އެޗްޕީއޭގެ ކޯލް ސެންޓަރުން، މީހުންނަށް ޖަވާބުދާރީވުމުގައި ލަސްތަކެއް އުޅޭކަން، ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ.އެޗްޕީއޭގެ ކޯލްސެންޓަރައް އަވަސް ހައްލެއް ބޭނުންވެއެވެ.
ހެލްތު އިމަޖެންސީީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން ދާތީ، އެ އެންމެންނަށް ޖަވާބުދާރީވުމުގައި ލަސްތަކެއް އުޅޭ ކަމަށެވެ. ބައެއް ދުވަސް ދުވަހު، ޖަވާބު ދެވެނީ އަންނަ ކޯލްތަކުގެ 60 ޕަސެންޓަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެކަމަކު އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކޯލް ސެންޓަރުގައި މަސައްކަތްކުރާ ސްޓާފުންގެ އަދަދު އިތުރުކުރުމަށް، މީހުން ޓްރެއިން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ