"ރަށަށް އޭގެ އެންމެ ފައިދާ ހުރި ގޮތުގައި ކަންކަން ނިންމާ ރައްޔިތުންގެ މަޝްވަރާ ކަންކަމުގައި ހޯދައި ނަމޫނާ ކައުންސިލަކަށްވުން ދެކެން އެންމެ ބޭނުންވަނީ." މިއީ ކުޅުދުއްފުށީ ޕީޕީއެމް ސްޓެއަރިންގ ކޮމެޓީގެ ރައީސް އަހުމަދު ސަމީރު އާ ކައުންސިލާ ދޭތެރޭ ހުރި ޝުއޫރުތަކެވެ.
އޭނާ ވިދާޅުވީ، އާ ކައުންސިލާމެދު އުންމީދެއް އެބައޮތް ކަމަށެވެ. އެ ބޭފުޅުން ރައްޔިތުންނަށް ވީ ވައުދުތައް އެ މުއްދަތުގެ ތެރޭގައި ފުދިގެން ދިޔުން ކަމަށާއި އެއީ އެކަން ވާވަރުގެ ތައުލީމީ، ފަންނީ، ގާބިލު ޓީމެއްކަމަށެވެ.
އާ ކައުންސިލަށް ރައްޔިތުން ފުރުސަތުދިނީ ވަކި ޕާޓީއަކަށް ބެލުމެއްނެތި އެވެ. އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތަސް އެއީ ރައްޔިތުން ނިންމީ އެންމެ ތައުލީމީ ބަޔަކަށް ފުރުސަތު ދިނުމަށެވެ. އެހެން ބައެއް ފަރާތްތަކުން އާ ކައުންސިލާ މެދު ދެކޭގޮތްވެސް ބަލާލީމެވެ.
ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރުވެސް އާ ކައުންސިލާމެދު ވަރަށް ފޮނި އުންމީދުތަކެއް ކުރައްވަ އެވެ. އޭނާ ވިދާޅުވީ ޖޯޝްގައި މުޅިން އާ ޒުވާން ޓީމެއް އިންތިހާބުވެވަޑައިގެން މަސައްކަތްކުރަން ފަށާފައިވާއިރު ލާމަރުކަޒީ ގާނޫނުން ބޮޑެތި ބާރުތަކެއް އާ ކައުންސިލްތަކަށް ލިބިފައިވާއިރު އެއީ ކަންކަން ރަނގަޅުކުރުމަށް ލިބުނު އުންމީދެއް ކަމަށެވެ.
ކައުންސިލްގައި މީގެ ކުރިން އިންސާނީ ވަސީލަތްތައްވެސް އިތުރުކޮށް ރައްޔިތުންނާ ގާތުން ހަމަހަމަކަމާއެކު އެއް ގޮތެއްގައި ހިދުމަތްފޯރުކޮށްދޭން މިހާރު ތިއްބެވި ބޭފުޅުން މަސައްކަތްކުރާނެކަމަށް ވަރަށް އުންމީދުކުރެވޭ ކަމަށެވެ.
"އެހެންނަމަވެސް އެ ބޭފުޅުން ވަޑައިގަންނަވަމުން އެވީހާ ވައުދުތައް ފަސް އަހަރުތެރޭގައި ފުއްދޭނެކަމާ ދޭތެރޭ އަޅުގަނޑަށް އެހާބޮޑަކަށްބުރައެއް ނުވެވޭ. ކޮންމެކަމެއްވެސް ވިދެނީ ފައިސާގައި. ދުނިޔޭގެ ހާލަތު މިވަގުތު މިއޮތީއެއް ބަޔަކަށް ކަމަކަށް އުންމީދުކުރެވޭ ހިސާބެއްގައިއެއްނޫން." ކޮވިޑްގެ ހާލަތާއެކު ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވިޔަފާރިވެރިޔާ ޒުހެއިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަނގަޅު ތައުލީމީ ޓީމަކަށްވުމުން ކުރިއަށްވުރެ ބޮޑަށް ކަންތައްތައް ރަނގަޅުވާނެ ކަމަށާއި އެއް ޓީމެއްގެ ގޮތުގައި ވަރަށް ކިކްގައި މަސައްކަތްކުރުމުގެ ފޯރީގައި ކަންތައްތަކެއް ކުރެވި ހެޔޮ ބަދަލެއް ފެންނާނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރާކަމަށް ޒުހެއިރު ވިދާޅުވި އެވެ.
ގައުމީ ފެންވަރުގައި އެންމެ ގިނަ ކާމިޔާބީތަކެއް ކުޅުދުއްފުއްޓަށް ލިބިފައިވަނީ އެތުލެޓިކްސް ދާއިރާއަށް އިންނެވެ.
އެތްލެޓިކްސް ދާއިރާގެ ގިނަ ކުދިންތަކެއްގެ ކާމިޔާބީގެ ފަހަތުގައި ހުންނެވި މަދު ކޯޗުން ތެރެއިން އެއް ބޭފުޅަކީ އަލީ ޝަރީފެވެ. އޭނާވެސް އެ ދާއިރާ ކުރިއެރުވުމަށް ފޮނި އުންމީދުތަކެއްކުރެ އެވެ. އާ ކައުންސިލާމެދު ދެކޭގޮތް ހިއްސާ ކުރަމުން އަލީ ޝަރީފް ވިދާޅުވެފައިވަނީ 2021 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައި އެޅުމަށް ބަޖެޓް ކޮށްފައިވާ ސިންތެޓިކް ޓްރެކް ކުޅުދުއްފުށިން ފެންނަން ބޭނުންވާ ކަމަށެވެ.
”އޭރުން ކުޅުދުއްފުށީ ރައްޔިތުންނަށް ދުވެ ކަސްރަތު ކުރުމުގައި ރައްކާތެރި ވެއްޓެއް ގާއިމުވެގެންދާނެ. ނަތީޖާއެއްގެ ގޮތުން ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށްވެ ތަފާތު ސިއްހީ ބަލިތަކުން ސަލާމަތް ވުމަށް މަގުފަހިވާނެ.“ ސިންތެޓިކް ޓްރެކެއްގެ މުހިންމުކަން އުންމީދުގެ ބަސްތަކެއް އެއް ފައްޗަކަށް އަމުނާލަމުން އަލީ ޝަރީފް ވިދާޅުވި އެވެ.
ކުޅުދުއްފުށި ސިޓީއަކީ މަސައްކަތްތެރި، ހުނަރުވެރި ޒުވާނުން ފެންނަ ރަށަކަށްވާއިރު އެގޮތުން އަމިއްލަ މަސްކަތެއްގައި ކުރިއަރަމުން އަންނަ ކަނބަލެއްކަމަށްވާ ހަމްދާ ހަސަންއަކީ ކޭކު އެޅުމުގައި ހުނަރުވެރި ފަރާތަކެވެ. އާ ކައުންސިލްއާ މެދު ދެކޭގޮތް ހިއްސާކުރަމުން ވިދާޅުވެފައިވަނީ ކައުންސިލަކީ ވަކި ކުލައެއް ނުޖެހި ހުނަރުވެރި ޒުވާނުންގެ މައްސަލަތައް ބަލައި ރައްޔިތުންނަށް ކުރިއެރުން ލިބޭނެ ފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ފަދަ ކައުންސިލް އަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
”އެކި ރޮނގުތަކުން ކުރި އަރަން ބޭނުންވާ ފަރާތަކަށް އެ މަސައްކަތްތައް ކުރިއެރުވުމަށް މަގުތައް ތަނަވަސްވެ، ކެޕިޓަލް ފަންޑް ލިބޭނެ ފަދަ ފަސޭހަ ގޮތްތަކެއް މެދުވެރިވުމަށް ބޭނުންވޭ. މާލެ ނުގޮސް ރަށުގަ އެކިކަހަލަ ކޯސްތަކުގައި ބައިވެރިވޭނެ ގޮތްތަކެއް މަގުފަހިވުމުން ރަށަށް ކުރިއެރުން ލިބޭނެ“. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ހަމްދާ ވިދާޅުވި އެވެ.
އާ ކައުންސިލްއާ މެދު އެންމެންގެ ހިތްތަކަށް ފޮނި އުންމީދެއްގެ ކުލަވަރު ޖައްސައިދިން ކުޅުދުއްފުށީ ސިޓީގެ ތަސައްވަރު ވަރަށް ފުރިހަމައަށް ހާސިލް ކޮށްދޭނެ ކަމުގެ އުންމީދު ރަށުގެ ހުރިހާ ރައްޔިތުން ދެކެއެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރު މަމްދޫހާ ހަސަން ވިދާޅުވީ، މީހުން ބިނާ ކުރުމުގައި އެންމެ އިސްރޯލެއް އަދާކުރަމުންދާ ތައުލީމީ ދާއިރާއާއި ކައުންސިލުން ގާތް ގުޅުމެއް ބާއްވާ މި ދާއިރާއިން ލިބެންހުރި ފުރުސަތުތައް ދަރިވަރުންނަށް ނުވަތަ ރައްޔިތުންނަށް ފަހިކޮށްދިނުން މުހިންމު ކަމަށެވެ.
އަދި އިސްލާމީ ތައުލީމު ފުޅާކުރުމަށް އިސްކަމެއް ދިނުމާއި ކައުންސިލަކީ ރައްޔިތުން އިތުބާރު ބޮޑުތަނަށް ވެގެންދިޔުމަކީ މަމްދޫހާގެ އުންމީދެކެވެ.
އާ ކައުންސިލާމެދު ރައްޔިތުންގެ އުންމީދުތައް މަތިއިރު ރަށުގެ ސިޔާސީ ބައެއް ބޭފުޅުންގެވެސް އުންމީދުތައް ބޮޑެވެ. އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވީ، ދިވެހިރާއްޖޭގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށް
އެމްޑީޕީން ކުރަން ފެށި މަސައްކަތުން އާ ސިޓީ ކައުންސިލް ވެގެންދާނީ ދިވެހިރާއްޖޭގައި ކުޅުދުއްފުށީގެ ނަން ދިރުވައިދޭނެ، ކުޅުދުއްފުށީ ރައްޔިތުންގެ ހިޔާލާއެކު ބޮޑެތި ކުރިއެރުންތައް ހޯދޭނެ އަދި ރައްޔިތުންގެ ހިދުމަތުގައި ރެޔާއި ދުވާލު ދެމިތިބެވޭނެ ރައްޔިތުން ހަވާލުކުރި އަމާނާތަށް ކަމޭ ހިތާނެ ކައުންސިލަކަށް ކަމަށެވެ.
”ދެކެން ބޭނުން ވަނިީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކައުންސިލެއް ހޮވުމުން ލިބޭ ފައިދާތައް ރައްޔިތުންނަށް އިހްސާސްވާނެ ގޮތަކަށް މަސައްކަތްތައް ބައްޓަން ވެގެން ދިއުން، އަދި ރައްޔިތުންގެ އުންމީދުތައް ހާސިލްވާނެމަގުން އެކުގައި، ހަލުވި ބާރުމިނުގައި މަސައްކަތް ކުރާނެ ކައުންސިލެއް.“ އެމްޕީ ޔާސިރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުންމީދަކީ ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭން އެކުލަވާލެވި، އެ ޕްލޭންއާ އެއްގޮތަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރާ ކައުންސިލެއް ފެނިގެން ދިއުން. އަދި ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދީ، ދައުރުގެ ހިމަކޮޅަށް ދިޔަ ވަރަކަށް ކައުންސިލްގެ ދުވެލި މަޑު ނުޖެހޭނެ ކައުންސިލެއް ފެނިގެން ދިއުން" ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާވޫދު ވިދާޅުވިއެވެ.
"އާ ކައުންސިލްއާ މެދު އަޅުގަނޑުގެ އުއްމީދު ވެސް އަދި އިތުބާރު ވެސް ބޮޑު. އާ ކައުންސިލުން ކުޅުދުއްފުއްޓަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދައިދީ، ކަންކަން ފަސޭހަ ކުރެވެން ހުރި މަގުތައް ހޯދާ ކަންކަން ކުރަން މަސައްކަތް ކުރާނެކަން ވަރަށް ޔަޤީން." ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އާ ކައުންސިލާ މެދު ކުރާ އުންމީދުތައް ހިއްސާކުރަމުން ވިދާޅުވި އެވެ.
އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ، އާ ކައުންސިލުން ކުޅުދުއްފުށީގައި ހިންގޭ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ދަނީ އެންމެ ފައިދާ ބޮޑު ގޮތަށް ތޯ ބަލާނެ ކަން ވެސް ޔަގީން ކުރެވޭކަމަށެވެ. އަދި ކަންކަން ހައްލުކޮށް، ޒަމާނީ ކުޅުދުއްފުށި ސިޓީއެއް ބިނާ ކުރަން ވަގުތު ނަގާނެ ކަމީ ޝައްކެތް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އާ ކައުންސިލްއަށް ވެސް ވަގުތު ދިނުމަކީ މުހިންމު ކަމެއް ކަމަށާ އުންމީދަކީ ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭން އެކުލަވާލެވި، އެ ޕްލޭންއާ އެއްގޮތަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރާ ކައުންސިލެއް ފެނިގެން ދިއުން ކަމަށެވެ. އަދި ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދީ، ދައުރުގެ ހިމަކޮޅަށް ދިޔަ ވަރަކަށް ކައުންސިލްގެ ދުވެލި މަޑު ނުޖެހޭނެ ކައުންސިލެއް ފެނިގެން ދިއުން ކަމަށެވެ.
އާ ކައުންސިލާ މެދުކުރާ އުންމީދަކީ ކޮބާތޯ ސުވާލުކޮށްލުމުން އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ، އުތުރުގެ ސިއްހީ ނިޒާމު ރަނގަޅުކުރުމަށް ހުރިހާ ރަށެއް ގުޅިގެން މަސައްކަތްކުރާނެކަމަށް އުންމީދުކުރާ ކަމަށެވެ.
ގިނަ ރައްޔިތުންވެސް ގަބޫލުކުރާގޮތުގައި މިފަހަރު މި ހޮވުނު ކައުންސިލަކީ ގާބިލު ޓީމެއްކަމަށެވެ. އެއްބޭފުޅަކު ފިޔަވައި ދެން ތިއްބެވި ބޭފުޅުންނަކީ މަތީ ތައުލީމު ހާސިލުކޮށްފައި ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން ރައްޔިތުންގެ އުންމީދުތައްވެސް މައްޗެވެ.