ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާދެވުން ލަސްވުމުގެ ސަބަބުން ރޭ ނިޔާވި ފާތުމަތު މިޝްކާ މުހައްމަދުގެ ކުއްލި ވަކިވުމަކީ ތައުލީމީ އާއިލާއަށް ލިބުނު ނުހަނު ބޮޑު ހިތާމައެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިޝްކާގެ މަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ މިއަދު އާންމުކުރި ތައުޒިޔާގެ މެސެޖްގައި ބުނެފައިވަނީ މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލްގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ ވަނަ ހޯދާ ހުނަރުވެރި ދަރިވަރެއް ކަމަށެވެ.
އަދި ހާއްސަ ދުވަސްތައް ފާހަގަކުރުމަށް ސްކޫލުގައި ބޭއްވޭ ހާއްސަ އެސެމްބްލީތަކުގައި މަދަހައާއި ޅެން ހުށައެޅުމުންގެ އިތުރުން ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުންވެސް މިޝްކާ ވަނީ ފަހުރުވެރި ވަނަތަކެއް ހާސިލްކޮށްފަ ކަމަށެވެ.
އިމާދުއްދީން ސްކޫލުގައި ތައުލީމި ހާސިލް ކުރަމުންދާ އުމުރުން 10 އަހަރުގެ މިޝްކާ ވަނީ އެންމެ ފަހުން ސްކޫލުގައި އޮންލައިންކޮށް ބޭއްވި ސްޓޯރީ ޓެލިން އަދި ކްރިއޭޓިވް ރައިޓިންގ ވެސް އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައ ހިމެނިފަ އެވެ
އެޑިއުކޭޝަންގެ މި މެސެޖްގައި ވަނީ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށްފަ އެވެ.
މިޝްކާ ނިޔާވެފައިވަނީ އޭނާއަށް ފަރުވާނުދެވި ލަސްވުމުގެ ސަބަބުންނެވެ.