ކޮވިޑްގައި އިއްޔެ ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިއުމަށް އާއިލާއިން އެދެމުން އެމްބިއުލާސް ފޮނުވުން ލަސްވި މައްސަލަ އަވަހަށް އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހްގީގުކުރުމަށް އާކުން ގޮވާލައިފި އެވެ.
ކޮވިޑްގައި ރާއްޖޭން ކުޑަކުއްޖަކު ނިޔާވި ފުރަތަމަ ފަހަރުކަން ފާހަގަކޮށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިޝްކާގެ އާއިލާއިން އެމްބިއުލާސްގެ ހިދުމަތަށް އެދުމުން އެކަމަށް އިޖާބަދިނުން ލަސްވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަވަސް އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހްގީގުކުރުމަށް ގޮވާލާ ކަމަށެވެ.
އެ ޖަމިއްޔާއިން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި އަހަރެއްހާ ދުވަސް ހޭދަވިއިރު ކުޑަކުދިންގެ ސިއްހީ ފަރުވާގެ ހައްގު ކަށަވަރުކުރުމަށް ހުރި ނިޒާމީ މައްސަލަތަކަށް ހައްލެއް ލިބިފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކޮވިޑް ޖެހެމުންދާ މިންވަރު އިތުރުވެ 10 އަހަރުން ދަށުގެ 80 އަށްވުރެ ގިނަ ކުދިން ދުވާލަކަށް މިހާރު ކޮވިޑަށް ޕޮޒިޓިވްވަމުން ދާކަމަށާއި ފާއިތުވި އެއް މަސް ދުވަސްތެރޭގައި އެކަނިވެސް އެއް އަހަރުން ދަށުގެ ތުއްތު ކުރިންގެ ތެރެއިން 400 އަށް ގާތްކުރާ އަދަދަކަށް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ކުޑަކުދިންނަކީ ކޮވިޑްގެ އެއްވެސް ވެކްސިނެއް ޖެހުމުގެ ހުއްދައޮތް އުމުރުފުރާއަކަށް ނުވާތީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ ހާއްސަގޮތެއްގައި މިފަދަ ނާޒުކު ދުވަސްވަރެއްގައި ސަރުކާރުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށްވެސް އާކުން ވަނީ ގޮވާލާފައެވެ.