ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ސަރުކާރާއި އަމިއްލަ އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރުމަށް ސަރުކާރުން ހުއްދަ ދީފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިރޭ ނެރުނު އިއުލާނެއްގައި ބުނީ ޖުލައި ހަތަރު ވަނަ ދުވަހުން ފެށިގެން ސަރުކާރާއި އަމިއްލަ އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރުމަށް ހުއްދަދީފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައް ބަންދުކޮށް މުއައްޒަފުން ގެއިން މަސައްކަތްކުރުމަށް ސަރުކާރުން އެންގީ މޭ ހަވަނަ ދުވަހުއެވެ.
އޮފީސްތައް ހުޅުވަން ހުއްދަ ދިންނަމަވެސް މުއައްޒަފުންނަށް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތެއް އެގޮތަށް ކުރުމަށް އިއުލާންގައި ވަނީ ބުނެފައެވެ. އަދި އެއްފަހަރާ އޮފީހަށް ނިކުމެ މަސައްކަތްކުރާ މުއައްޒަފުންގެ އަދަދު މަދު ކުރުމަށާއި ދަންފަޅިތަކަށް ބަހައިގެން މުއައްޒަފުން މަސައްކަތަށް ނެރުމަށް ވަނީ އިރުޝާދު ދީފައެވެ.
އޮފީސް މާހައުލުގައި މުއައްޒަފުން އުޅޭއިރުވެސް ގައިދުރުކުރުމާއި މާސްކް އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެ އިއުލާނުގައި ވަނީ އަންގައިފައެވެ. އަދި މުއައްޒަފުން އެކުގައި ސައި ބުއިމާއި ކެއުން ފަދަ ކަންކަން ނުކޮށް، ވަކި ވަކިން ގައިދުރުކަން ބަހައްޓައިގެން އުޅުމަށް ވަނީ އިރުޝާދު ދީފައެވެ.
އަދި އޮފީސްތަކުން އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދިނުމާއި އަދި އޮންލައިން ހިދުމަތްތައް ވީހައިވެސް ގިނަކުރުމަށް މަސައްކަތް ކުރުމާއި އޮފީސްތަކުގައި މަސައްކަތްކުރުމުގައި ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން
ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.