އިޓާލިއަން ލީގު އެންމެފަހުން ކާމިޔާބުކުރި އިންޓަ މިލާނަށް ކުޅޭ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ ނުވަތަ އައިސީޑީ ލައްވައިގެން ހުރެ، އިޓާލިއަން ލީގުގައި ނުކުޅެވޭނެ އެވެ. މިހެން ބުނެފައިވަނީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަަލަކެވެ.
އުމުރުން 29 އަހަރުގެ އެރިކްސަން ހިތްހުއްޓިގެން މިދިޔަ މަހުގެ ބާރަވަނަ ދުވަހު ދަނޑު މައްޗަށް ވެއްޓުނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަވަސް ފަަރުވާއަށް ފަހު މާ ގިނައިރެއް ނުވެ އެރިކްސަން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަންގެ ހިތަށް އައިސީޑީ ޑިވައިސްއެއް ލައްވަން ޖެހޭ ކަމެވެ.
އައިސީޑީ އަކީ ހާޓް ރޭޓް ކޮންޓްރޯލްކޮށް އެކަށީގެންވާ ވަރެއްގައި ބެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހާޓް ބީޓް ނުވަތަ ހިތު ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެކަން ޑިޓެކްޓް ކުރާނެ އެވެ. އަދި އެކަން ކޮންޓްރޯލްކޮށް އެކަށީގެންވާ މިންވަރެއްގައި ބަހައްޓާނެ އެވެ. މީގެ ފައިދާ އަކީ ހިތުގެ ވިންދު ލަސްވާނަމަ އަވަސްކޮށްދީ ރަނގަޅު ލެވަލެއްގައި ކޮންޓްރޯލްކޮށް ބެހެއްޓުމެވެ. އައިސީޑީ ނުވަތަ ޕޭސްމޭކަރު ލައްވައިގެން ފުޓްބޯޅަ ކުޅުންތެރިންނާއި އެތުލީޓުން މުބާރާތްތަކުގައި މީގެކުރިން ވެސް ވާދަކޮށްފައި އެބަހުއްޓެވެ.
އެރިކްސަން އަލުން އެނބުރި ކުޅުމަށް އަންނާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވާއިރު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީގެ އިސް އޮފިޝަލް ފްރަންސެސްކޯ ބްރަކޮނާރޯ ބުނިގޮތުގައި އައިސީޑީ ލައްވައިގެން އެރިކްސަން އަށް އިޓާލިއަން ލީގުގައި ކުޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
"އިޓާލިއަން ލީގުގައި އެރިކްސަން އަށް ކުޅެވޭނީ އައިސީޑީ ނަގައިގެން. އައިސީޑީ ނެގުމުގެ މާނަ އަކީ އޭނާގެ މެޑިކަލް ހާލަތު ރަނގަޅުވީއޭ. އެހެންނޫންނަމަ (އައިސީޑީ ލައްވައިގެން ހުއްޓައި) އެ ވަރުގެ ރިސްކެއް އަހަރެމެން ނުނަގާނަން،" ބްރަކޮނާރޯ މީޑިއާތަކަށް ބުނެފައިވެ އެވެ.