ބެލްޖިއަމް އަދި އިންޓަ މިލާނަށް ކުޅޭ ސްޓްރައިކަރު ރޮމޭލޫ ލުކާކޫ އެއްވެސް އަގަކަށް ނުވިއްކާނެ ކަމަށް އިންޓަ މިލާނުން ބުނެފައިވަނިކޮށް ލުކާކޫ ޗެލްސީއަށް ވިއްކާލަދޭން އޭނާ އިންޓާގައި އެދިއްޖެ އެވެ.
ޗެލްސީން ލުކާކޫ ހޯދުމުގެ ގަދަ އަޒުމުގައި ތިންވަނަ ބިޑެއް ކުރަން ތައްޔާރުވަމުން އަންނައިރު ލުކާކޫ ވަނީ އޭނާ ޗެލްސީއަށް ވިއްކާލުމަށް އެދިފައި ކަމަށް ސްކައި އިޓާލިއާއިން ރިޕޯޓްކޮށްފައިވެ އެވެ.
އެންމެފަހުން ބޭއްވި ޗެމްޕިއަންސް ލީގުގެ ތަށި ހިއްލާލި ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީން މީގެ ކުރިން ވެސް ވަނީ ލުކާކޫ ހޯދަން 2 ބިޑެއް ހުށައަޅާފަ އެވެ. ނަމަވެސް އިންޓައިން ވަނީ ދެފަހަރުވެސް މި އޮފާއަށް ނޫނެކޭ ބުނެފަ އެވެ.
ފުރަތަމަ ލުކާކޫ ގަންނަން އިންޓަ އަށް ޗެލްސީން ހުށައެޅީ 94 މިލިއަން ޑޮލަރުގެ ބިޑެކެވެ. 118 މިލިއަން ޑޮލަރު އާއި ސްޕެއިންގެ ފުލްބެކް މާކޯސް އަލޮންސޯ ދިނުމަށް ދެވަނަ ފަހަރަށް ޗެލްސީން ބިޑެއް ހުށައެޅި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޗެލްސީން ދެން ހުށައަޅާނީ 130 މިލިއަން ޑޮލަރުގެ ބިޑެކެވެ. އަދި އެއާއެކު ސްޕެއިނުގެ ފުލްބެކް މާކޯސް އަލޮންސޯ އާއި ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ، މިދެކުޅުންތެރިން ވެސް އިންޓައަށް ޗެލްސީން ހުށައަޅާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޗެލްސީން މިދިޔަ ސީޒަނުގައި ދިމާވި ލަނޑު ނުޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސެންޓްރަލް ފޯވާޑެއް ގެނައުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.