ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައާރަފުކޮށްފި އެވެ. މިއީ ހެލްތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓެވެ. މި ޕާސްޕޯޓް ތައާރަފްކޮށްފައިވަނީ ކޮވިޑް ސޭފްގެ ނަމުގަ އެވެ.
އެޗްޕީއޭއިން ބުނީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓަށް މައުލޫމާތު އެއްކުރެވިގެން ދާނީ އެޗްޕީއޭގެ އައުޓް ބްރޭކް ސިސްޓަމާއި، ދިފާއު ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އައުޓް ބްރޭކް ސިސްޓަމުން އެމީހެއްގެ ކޮވިޑް ޕީސީއާރް ޓެސްޓްތަކުގެ ނަތީޖާއާއި ކަރަންޓީން ވެފައިވާނަމަ އެ މައުލޫމާތެއް ހިމެނޭހެން ކޮވިޑްގެ މައުލޫމާތު އެއްކުރެވިގެންދާނެ އެވެ.
ކޮވިޑް ދިފާއު ޕޯޓަލް މެދުވެރިކޮށް އެމީހަކު ޖެހި ވެކްސިން ޑޯޒްތަކާއި ވެކްސިން ޖެހި ތާރީހު އެނގޭނެހެން ވެކްސިނޭޝަން ކަވަރޭޖްގެ މައުލޫމާތު އެއްކުރެވޭނެ ކަމަށާއި މި ދެ ޕްލެޓްފޯމުން އެއްކުރެވޭ މައުލޫމާތުތައް އެމީހެއްގެ އައިޑީކާޑް ނަންބަރު ނުވަތަ ޕާސްޕޯޓާ ގުޅުވާލެވިގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.
މި ޕާސްޕޯޓާއެކު އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ ކޮވިޑް ވެކްސިންގެ މައުލޫމާތު ކިއު އާރް ކޯޑެއް މެދުވެރިކޮށް ދެވަނަ ފަރާތަކާ ނުވަތަ މުއައްސަސާއަކާ ހިއްސާކޮށްލެވޭނެ އެވެ. އަދި މި ދެ މައުލޫމާތުގެ ތެރެއިން ވަކި މައުލޫމާތެއް އެކަނި ހިއްސާކުރަން ބޭނުންވާނަމަ އެކަން ވެސް ކުރެވޭނެ އެވެ.