ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި އެވެ. މިލޯގޯ ފާސްކޮށްފައިވަނީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލުގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ބައްދަލުވުމުގައި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ރަސްމީ ކުލަ ވެސް ވަނީ މިބައްދަލުވުމުގެ ތެރެއިން ފާސްކޮށް ނިންމާފަ އެވެ. އެއީ ގޯލްޑާއި ނޭވީ ބްލޫ އެވެ.
ކައުންސިލުން ބުނީ ލޯގޯއިން ރަމްޒުކޮށްދެނީ ކުޅުދުއްފުއްޓަކީ ޒަމާނުންސުރެ މާލިމީ ރަށެއް ކަމާއި މިރަށުގެ އާބާދީގެ ބޮޑުބަޔަކީ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކަނޑުމަތީގައި މަސައްކަތް ކުރާ ފަރާތްތަކެއްކަން ވެސް މިލޯގޯއިން ދައްކުވައިދޭ ކަމަށެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށުނު ދަތުރުކަމަށްވާ ކުޅުދުއްފުށި އިސްވެ އޮވެގެން ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރި "އުތުރު އަރުމާޒު" ދަތުރުވެސް ރަމްޒުކޮށްދޭ މިލޯގޯއިން ކުޅުދުއްފުއްޓަކީ އަބަދުވެސް ރާއްޖޭގެ ނިސްބަތުން ކަނޑު ދަތުރު ފަތުރު ކުރުމުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ރަށެއްކަން ދޭހަވާ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
ކުޅުދުއްފުށީގެ އިގްތިސާދުގެ ބޮޑުބައެއް ބިނާވެފައި އޮންނަނީ ކަނޑު ދަތުރު ފަތުރުގެ މައްޗަށްކަން ލޯގޯއިން ރަމްޒުކޮށްދެ އެވެ.
ކައުންސިލުން ބުނީ ވަށް ބުރުން އެފެންނަނީ ރޯނު، ކުޅުދުއްފުށީގެ ހީވާގި ކަނބަލުން ޒަމާނުންސުރެ ކުރަމުން އަންނަ ވަރަށް ފަންނީ އިޤްތިސާދީ މަސައްކަތެއްކަމާއި ރޯނު ވެށުމަކީ، އަދި މުޅި ރާއްޖޭގައިވެސް އެންމެ ފެންވަރު ރަނގަޅު އެންމެ ރީތި ރޯނު ވަށަނީވެސް ކުޅުދުއްފުށީގެ އަންހެން ކަނބަލުންނެވެ.
ލޯގޯއިން ސިޓީ ކައުންސިލާ އެކީ ކުޅުދުއްފުށި މި ފެށީ ތަރައްގީގެ މުޅިން އާދަތުރެއްކަން ހާމަކޮށްދޭ ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.