ފީފާގެ ކަލަންޑަރަށް ގެންނަން އުޅޭ ބަދަލުތަކުގެ ސަބަބުން ކުލަބް ގޭމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ކުލަބްގޭމް ހަލާކުވާނެ ކަމަށް ޔޫރަޕިއަން ކުލަބް އެސޯސިއޭޝަން (އީސީއޭ) އިން ބުނެފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ހުށަހަޅާފައިވަނީ މިހާރު ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކޮންމެ ދެއަހަރުން އެއްއަހަރު ބާއްވާ ގޮތަށެވެ. އެއީ އޯވަހޯލް އިންޓަނޭޝަނަލް މެޗް ކަލަންޑަރ (އައިއެމްސީ)ގެ ދަށުންނެވެ.
އީސީއޭއިން ބުނީ މިހާރު ރާވާފައިވާ ބަދަލުތަކަކީ ސީދާ އަދި އެކަމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ނިންމުމެއް ކަމަށެވެ. އަދި ބަދަލުތައް ގެންނައިރު ފީފާގެ ލެކް އޮފް ކޮންސަލްޓޭޝަން އަށް އީސީއޭއިން ވަނީ ވަރަށް ބޮޑަށް ކުރިޓިސައިޒް ކޮށްފަ އެވެ.
ފީފާގެ ހެޑް އޮފް ގްލޯބަލް ޑިވެލޮޕްމަންޓް އާސެން ވެންގާ ބީބީސީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ މިހާރު ހުށަހަޅާފައިވާ ޕުރޮޕޯސަލްތަކުގެ ސަބަބުން ގޭމްގައި ހިޔާލު ތަފާތުވުންތަކާއި އޮޅުންތައް ނުވަތަ އެހެންގޮތަކަށް ބުނާނަމަ "ކެއޮސް" އެއްފަރާތް ކުރެވޭނެ އެވެ. އަދި ބާރުބޮޑުވުން (ކޮންޖެޝަން) ވެސް ކުޑަވާނެ އެވެ.
230 އަށްވުރެ ގިނަ ކުލަބް ރިޕްރެޒެންޓްކޮށްދޭ އީސީއޭއިން ބުނެފައިވަނީ އައިއެމްސީ އިތުރަށް ޒަމާނީކޮށް ސިމްޕަލް ކުރުމަށް ބަދަލުތައް ބޭނުންވާކަމަށެވެ. އަދި އެކަންތައް އީސީއޭއިން ފާހަގަކުރެއްވި އެވެ. ނަމަވެސް ކަންކަން ރާވަމުން އަންނަ ގޮތްތަކާއި އެކަން ފީފާއިން ކުރިއަށްގެންދާ ގޮތާމެދު އީސީއޭއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އީސީއޭއިން ނެރުނު ސްޓޭޓްމެންޓެއްގައި ވަނީ މިކަމާމެދު އިންތިހާއަށް ކަންބޮޑުވާކަން ފާހަގަކޮށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާއިން ބުނީ މި ރޭވުންތަކުގެ ސަބަބުން 4 ނުރައްކަލެއް އެބަ ކުރިމަތިވާ ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ ވޯލްޑް ކަޕަށް ލިބިފައިވާ ގަދަރާއި އިއްޒަތާއި އެމުބާރާތަށް މީހުންގެ ހިތުގައި އޮތް ލޮތްބާއި ސަޕޯޓާއި ޝައުގު ކުޑަވާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިން އުފާތަކާއި ސިއްހަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އެއިދާރާއިން ބުނެފައިވެ އެވެ.