twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރޯގާއާ އެކު އިންފްލުއެންޒާ ވެސް ފެތުރެނީ

Sep 28, 2021

އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާއިރު އިންފްލުއެންޒާ ވެސް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މި މަހުގެ ތެރޭގައި މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ މަހާ އަޅާބަލާއިރު 60 އިންސައްތަ އިތުރުވުމެއް ކަމަށެވެ.

އޭގެ އިތުރުން، މި މަސް ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓުކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެހެންވެ އެ ބަލިން ރައްކާތެރިވާން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެ އެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ރޯގާޖެހި ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރި ނަމަ އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުމަށާއި، އަރިދަފުސް ރޯގާގެ އަލާމާތެއް ހުރި ނަމަ ވީހާ ވެސް އަވަހަކަށް ކޮވިޑަށް ޓެސްޓުކުރުން، އާއްމު ތަންތަނުގައި އަބަދު ވެސް މާސްކު އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް ރަނގަޅަށް މާސްކު އަޅައިގެން އުޅުންމުގެ އިތުރުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ހާއްސަކޮށް ކުޑަކުދިންނާ ބަލި މީހުން ކައިރިއަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު އެކަނި ވެސް 11،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑާ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފުލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތަކަށްވުމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށްގެންދިޔުމަށް އިލްތިމާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355