ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ 2 - 1 ން އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް ސްޕެއިން ފައިނަލަށް ދަތުރުކޮށްފި އެވެ.
ސްޕެއިނުން މިހޯދި މޮޅާއެކު އިޓަލީގެ ބަލިނުވުމުގެ ރެކޯޑަށް މިވަނީ ނިމުން ގެނެސްފަ އެވެ. މިމެޗާ ހަަމައަށް އައިއިރު އިޓަލީން ވަނީ ބަލިނުވެ 37 މެޗު ހަމަކޮށްފަ އެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ. އިޓަލީ ވަނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
މިރޭގެ ކުރިން އެންމެ ފަހުން އިޓަލީ ބަލިވީ 2018 ވަނަ އަހަރު ޕޯޗުގަލް އަތުން ނޭޝަންސް ލީގުގަ އެވެ. އަދި ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީގައި ވެސް ބައްދަލުކޮށްފައިވަނީ ސްޕެއިނާއި އިޓަލީ އެވެ. ނަމަވެސް އެފަހަރު ޕެނަލްޓީ ޖަހައިގެން ކުރިހޯދީ އިޓަލީންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ވެސް ސްޕެއިނުންނެވެ. މެޗުގެ 17 ވަނަ މިނިޓްގައި ސްޕެއިނުން ލީޑުނެގީ މިކޭލް އޮޔާޒަބާލް ހުސްކޮށްލާފައި ނަގައިިދިން ބޯޅަ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިގެން ފެރާން ޓޮރޭޒް އެވެ.
މެޗުގެ 42 ވަނަ މިނިޓްގައި އިޓަލީގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން އިޓަލީއަށް މެޗުގައި ބޮޑެތި މައްސަލަތަކެއް ދިމާވި އެވެ.
އިޓަލީގެ ކުޅުންތެރިއަކު މަދުވުމުން އޭގެ ފައިދާ ނަގާ ޓޮރޭޒް ވަނީ ސްޕެއިނަށް ލީޑު ފުޅާކޮށްދީފަ އެވެ. މި ގޯލަކީ ވެސް އޮޔާޒަބާލްގެ ސަބަބުން ކާމިޔާބުވި ގޯލެކެވެ. މޮ ގޯލު ޖެހީ އޭނާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޮޔާޒަބާލް ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
މެޗުގެ 83 ވަނަ މިނިޓްގައި ސްޕެއިން ކުޅުންތެރިން ކުރިއަށް އަރައި ތިއްބައި ލިބުނު ބޯޅައެއް ހޯދައިގެން އިޓަލީގެ ފެޑެރީކޯ ޗިއޭސާ ވަނީ އޭރިއާތެރެއަށް ވަދެ ހުސްކޮށް ހުރި ލޮރެންޒޯ ޕެލެގްރީނީ އަށް ދީފަ އެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އިޓަލީއަށް ފަރަގު ކުޑަކޮށްދީފަ އެވެ، ނަމަވެސް މެޗުން މޮޅުވާ ގޮތް ވަނީ ނުވެފަ އެވެ.
ފައިނަލުގައި ސްޕެއިން ނުކުންނާނީ މިރޭ ބެލްޖިއަމާއި ފްރާންސް ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިމެޗު ކުޅޭނީ ރާއްޖެގަޑިން ދަންވަރު 11:456 ގަ އެވެ. ފައިނަލް އޮތީ އާދިއްތަ ދުވަހުގެރޭ އެވެ.