- މިއީ ސިޓީ ކައުންސިލުން އަލަށް އެކުލަވާލި ބަޖެޓް
- މި ބަޖެޓްގެ ބޮޑުބައެއް ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވޭ
- އަންހެނުންގެ ކޮމެޓީއަށް 2.8 މިލިއަން ކަނޑައަޅާފައިވޭ
2022 ވަނަ އަހަރަށް 70 މިލިއަން ރުފިޔާގެ ބަޖެޓެއް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ. މިއަހަރުގެ ބަޖެޓް ފާސްކުރުމަށް މިއަދު އެ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި ފާސްކޮށްފައިވަނީ 70،442،953.83 ރުފިޔާގެ ބަޖެޓެކެވެ.
މިއަހަރަށް ފާސްކުރި 70 މިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 21.6 މިލިއަން ހިމަނާފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ދައުލަތުން ދޭ ގުރާންޓްގެ ގޮތުގައި 31 މިލިއަން ރުފިޔާ ޖަހާފައިވާއިރު ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި އެއް މިލިއަން އަދި ކައުންސިލްގެ އާމްދަނީގެ ގޮތުގައި 34.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. 34.9 މިލިއަން ރުފިޔާގެ ތެރޭގައި ވޭތުވެދިޔަ އަހަރުތަކުގެ ބާކީވަމުން އައިސްފައިހުރި ހުރިހާ ފައިސާއެއްވެސް ހިމެނޭނެއެވެ.
ދައުލަތުން ދޭ 31 މިލިއަން ރުފިޔާ މައިގަނޑު ގޮތެއްގައި ހަރަދުވާނީ ރިކަރަންޓް ހަރަދަށާއި ކެޕިޓަލް ހަރަދުތަކަށެވެ. އެގޮތުން ރިކަރަންޓް ހަރަދުގެ ގޮތުގައި 21.6 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު ކެޕިޓަލް ހަރަދަށް 9.4 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ
ބަޖެޓް ހުލާސްކޮށްދެއްވަމުން ސިޓީ ކައުންސިލްގެ ސީނިއަރ ފައިނޭންސް އޮފިސަރު މުހައްމަދު ރައްޒާން ވިދާޅުވީ، ހުރިހާ ފައިސާއެއް ހަރަދުކުރުމަށް ވާނީ ބަޖެޓްކޮށްފަ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް 2.8 މިލިއަންގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު އެއީ މިއަހަރުގެ ގުރާންޓްގެ ފަސް ޕެސެންޓްގެ 1.6 މިލިއަން ރުފިޔާ އާއި 2021 ވަނަ އަހަރުގެ ބަޖެޓް ބާކީގެ ގޮތުގައި ހުރި 1.2 މިލިއަން ރުފިޔާ ކަމަށެވެ.
އޭނާ ވިދާޅުވީގޮތުގައި ގުރާންޓްގެ 21.6 މިލިއަން ރުފިޔާ ކަނޑައެޅިފައިވާނީ އިދާރީ ހިންގުމުގެ ހަރަދުތަކަށް ކަމަށާއި އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ހިމެނޭނެ ކަމަށެވެ. އަދި 14.1 މިލިއަން ރުފިޔާ މުވައްޒަފުންނަށް ހިނގާ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާއިރު ޕެންޝަނާއި މުސްކުޅި ކުރައްވާ މުވައްޒަފުންނަށް ލިބޭ އެލެވެންސްތަކަށް 5.4 ލައްކަ ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކައުންސިލްތަކުގެ ދަތުރުތަކަށް ފަސްލައްކަ ރުފިޔާގެ ބަޖެޓްކޮށްފައިވެ އެވެ. އަދި ތަކެތި ހޯދުމަށް އެއް މިލިއަން ރުފިޔާ ހިމަނާފައިވާއިރު އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތްތަކަށް 4.6 މިލިއަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ސެކިއުރިޓީ އާއި ކުނިކެހުމާއި ސާފުކުރުމާއި ކައުންސިލް އިދާރާގެ އިމާރާތްތަކާއި ސިޓީގެ މަގު ބައްތި އަދި އާންމު ތަންތަނުގެ ކަރަންޓާއި ފެންވެސް ހިމެނޭނެނެ އެވެ. މީގެ އިތުރުން ތަމްރީނުތަކަށް 2.5 ލައްކަ ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކެޕިޓަލްގެ ހަރަދުގެ ގޮތުގައި ކައުންސިލަށް ގަތުމަށް ނިންމާފައިވާ ތިން ވެހިކަލާއި އޮފީސް އިމާރާތް ބޮޑުކުރުމަށްވެސް ބަޖެޓްކޮށްފައިވެ އެވެ. އޭނާ ވިދާޅުވީ، އާމްދަނީގޮތުގައި ކަނޑައެޅިފައި 34.9 މިލިއަން ރުފިޔާ ހަރަދުކުރަން ބަޖެޓްކޮށްފައިވަނީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށެވެ. އެގޮތުން ބީޗުތައް ތަރައްގީކުރުމާއި ހިނަވާގެ ތަރައްގީކުރުން ފަދަ ކަންކަމަށް ހިމެނޭނެ ކަމަށެވެ. އޭގެތެރެއިން އެއްވެސް ފައިސާއެއް އިދާރީ އެއްވެސްކަމަކަށް ބަޖެޓްކުރެވިފައިނުވާނެކަމަށް ރައްޒާން ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މޭޔަރު އާތިފް ވިދާޅުވީ، ބަޖެޓް އެކުލަވާލުމުގައި އެންމެ ބޮޑަށް ވިސްނާފައި ވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ހެދި ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތަށާއި ރައްޔިތުންނަށް ދެވޭ ރަށްވެހިކަމުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުރިހަމަކުރެވޭނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ.