twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ޕޮޒިޓިވްވިއަސް އަލާމާތެއް ނެތްނަމަ ދެން ކަރަންޓީން ވާންޖެހެނީ ހަތް ދުވަހު: އެޗްޕީއޭ

ޚަދީޖާ އާދަމް
Jan 13, 2022

ކޮވިޑް-19 އަށް ޕޮޒިޓިވްވިއަސް އަލާމާތެއް ނެތްނަމަ ހަތް ދުވަހުގެ ތެރޭގައި ކަރަންޓީންގެ މުއްދަތު ނިމޭގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފި އެވެ.

އެޗްޕީއޭން މިއަދު ނެރުނު އުސޫލެއްގައި ބުނީ ހަތް ދުވަހަށް ކަރަންޓީންގެ މުއްދަތު ކުޑަކުރި ނަމަވެސް މަސައްކަތަށް ނުކުންނަން ވާނީ ކޮވިޑް ޓެސްޓް ހަދައި ނަތީޖާ ނެގަޓިވް ވުމުން ކަމަށެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭން ބުނީ 10 ދުވަހަށް ކަރަންޓީންގެ މުއްދަތު ކުޑަކުރަން މަސައްކަތް ކުރާ ކަމަށެވެ.

އާ އުސޫލުގައި ބުނާގޮތުން ޕޮޒިޓިވްވެފައިވާ މީހަކާ ބައްދަލުވި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކޮންޓެކްޓުން ކަރަންޓީން ކުރާނީ 10 ދުވަހަށެވެ. ދިހަ ދުވަސް ހަމަވުމުން ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓަކާ ނުލައި ކަރަންޓީންގެ މުއްދަތު ނިމޭނެއެވެ. އަދި ކޮންޓެކްޓް ވެގެން އެ މީހަކު ކަރަންޓީން ކުރާ ތާރީހުން ފެށިގެން ފަސް ދުވަސް ފަހުން ކޮވިޑް ޓެސްޓް ހަދައި ނަތީޖާ ނެގަޓިވް ނަމަވެސް ކަރަންޓީންގެ މުއްދަތު ނިމޭނެ ކަމަށް އާ އުސޫލުގައި ބުނެއެވެ.

އެ ދެ ގޮތަށް އަމަލު ކުރެވޭނީ ޕޮޒިޓިވް ވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީން ވެފައިވާ ނަމައެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުން، މިހާރެކޭވެސް އެއްގޮތަށް 14 ދުވަހު ކަރަންޓީންވާން ޖެހޭނެއެވެ. އަދި އެމީހުންގެ ކަރަންޓީން ނިމޭނީ 14 ދުވަސްވުމުން، ޓެސްޓުހަދައި ނެގެޓިވް ނަތީޖާއެއް ލިބުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293