ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ، ބަލީގެ އަލާމާތް ނެތް މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ތިބި މީހުންގެ ކޮވިޑްގެ އަލާމާތްތައް ހުރެއްޖެނަމަ ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ. ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. އެކަމަކު ނަތީޖާ ލިބެންދެން އެމީހަކު ކަރަންޓީނުވާން ޖެހޭނެ އެވެ.
މި ބަދަލާ އެކު މިހާރު ވަނީ ވެކްސިން ފުރިހަމަވި ކަމަށް ބަލާނެ މިންގަނޑު ވެސް ބަދަލުކޮށްފަ އެވެ. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ ހަ މަސް ނުވުން އަދި ހަ މަސް ވެފައިވާ ނަމަ ބޫސްޓަ ޑޯޒް ޖަހާފައިވާ ވުމެވެ.
ކަރަންޓީނުވާން ނުޖެހުނު ނަމަވެސް ކޮވިޑް ޖެހިފައިހުރި މީހާއާ ކޮންޓްކެޓްވި ދުވަހުން ފެށިގެން ފަސް ދުވަސް ހަމަވުމުން ސާމްޕަލް ނަގަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.
މިގޮތަށް އަމަލުކުރާނީ ބަލި ޖެހުނު މީހާއާ ވަކިން އުޅޭ މީހުންނެވެ. އެމީހާއާ އެކީ އުޅޭނަމަ ބަލި މީހާ ކަރަންޓީނު ނިމެންދެން ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި އެއަށްފަހު ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ އެވެ. ނަތީޖާ ނެގެޓިވްވުމުން ދެން ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ. ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ ކަރަންޓީނުގަ އެވެ. އަދި ނަތީޖާ ލިބުމުގެ ފަސް ދުވަސް ފަހުން އަނެއްކާ އިތުރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އަލަށް ހަމަޖެއްސި އުސޫލުގައި، އެންޓިޖެން ސެލްފް ޓެސްޓް ކިޓުން އަމިއްލައަށް ޓެސްޓުކޮށް ޕޮޒިޓިވް ވެއްޖެ ނަމަ ވެސް ޕޮޒިޓިވް މީހުންނަށް އޮތް އުސޫލަށް އަމަލުކުރަންޖެހޭނެ އެވެ. އެކަމަކު އެ މީހުންނަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމެންޓް ދޭނީ ހުއްދަ އޮތް ސިއްހީ އިދާރާއަކުން ޕީސީއާރް ނުވަތަ އެންޓިޖެން ޓެސްޓް ހެދުމަށް ފަހުގަ އެވެ.
މާދަމާއިން ފެށިގެން މި އާ އުސޫލަށް އަމަލުކުރަން ފަށާއިރު، މި އުސޫލުގައިވާ މިންގަނޑަށް ފެތޭ، މިހާރު ކަރަންޓީނުގައި ތިބި މީހުންގެ މައްޗަށް ވެސް ހިނގާ އެވެ.