twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެއްޖެ

- މިދިޔަ މަހު ހޮޑުލުމާއި ބޭރަށް ހިންގުމުގެ 106 ކޭސް ރިޕޯޓްކޮށްފައިވޭ
- ހުމާއި އަރިދަފުސް ރޯގާވެސް ވަނީ އިތުރުވެފައި

ޚަދީޖާ އާދަމް
Feb 3, 2022
1

މިދިޔަ ޖެނުއަރީމަހު ކުޅުދުއްފުށީގައި އާދައިގެ ހުމާއި، ހޮޑުލުން އަދި ބޭރަށް ހިންގުން އިތުރުވެފައިވާކަމަށް ކުޅުދުއްފުށީ ޕަބުލިކް ހެލްތްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މިދިޔަ ޑިސެންބަރުން ފެށިގެން ރިޕޯޓްކުރަމުންދާއިރު ޖެނުއަރީގައި މި ބަލި ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާއާއި، ފާނަބަސަންދު، ޑެންގީ ހުމުގެ އިތުރުން ލޮލުރޯގާގެ އެކި ވައްތަރުތައްވެސް ޑިސެންބަރުމަހު ފެށިގެން ފަންނަނީ ފެތުރެމުންނެވެ.

އަރިދަފުސް ރޯގާއާއި އާދައިގެ ހުން

އަރިދަފުސް ރޯގާގެ ކޭސްތައް ގިނައިން ރިޕޯޓްކޮށްފައިވަނީ މިދިޔަ ޑިސެންބަރުމަސް ތެރޭގައެވެ. އެގޮތުން އެ މަހު 180 ކޭސް ރިޕޯޓްކޮށްފައިވާއިރު ނިމުނު ޖެނުއަރީމަހު ރިޕޯޓްކޮށްފައިވަނީ 136 ކޭހެވެ.

ނަމަވެސް އާދައިގެން ހުން އައިސްގެން ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވަނީ ޖެނުއަރީމަހުއެވެ. އެމަހު 252 މީހުން ދައްކާފައިވާއިރު ޑިސެންބަރުމަހު ރިޕޯޓްކޮށްފައިވަނީ 196 ކޭހެވެ.

ހޮޑުލުމާއި ބޭރަށް ހިނގުން އަދި ލޮލުރޯގާ

ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ޑިސެންބަރު މަހު 30 ކޭސް ރިޕޯޓްކޮށްފައިވާއިރު ޖެނުއަރީމަހު އެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެމަހު 106 ކޭސް ރިޕޯޓްކޮށްފައި ވެއެވެ.

ލޮލުރޯގާގެ ކޭސްތައް އިތުރުވެފައިވަނީ ޑިސެންބަރު މަހުއެވެ. އެމަހު 120 ކޭސް ރިޕޯޓްކުރި އިރު ޖެނުއަރީގައި ރިޕޯޓްކޮށްފައި ވަނީ 7 ކޭހެވެ. ކޭއާރުއެޗުން ބުނީ ލޮލުރޯގާގެ އެކި ވައްތަރުތައް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފާނަބަސަންދާއި ޑެންގީ ހުން

ފާނަބަސަންދާއި ޑެންގީ ހުމުގެ ކޭސްތައް ނިސްބަތުން މަދުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޑިސެންބަރުމަހު ރިޕޯޓްކޮށްފައިވަނީ ފާނަބަސަންދުގެ 30 ކޭސް އަދި ޑެންގީ ހުމުގެ 2 ކޭހެވެ. އަދި ޖެނުއަރީ މަހު ރިޕޯޓްކޮށްފައިވަނީ ފާނަބަސަންދުގެ 7 ކޭސް އަދި ޑެންގީ ހުމުގެ 3 ކޭހެވެ.

އިތުރު ބަލިތަކުގެ ކޭސްތައް ރިޕޯޓްކުރަމުން އަންނައިރު މިވަގުތަކީ ކުޅުދުއްފުށީގައި ހަލުވި ކަމާއެކު ކޮވިޑްވެސް ފެތުރެމުން އަންނަ ދުވަސް ވަރެކެވެ. މިދިޔަ ޑިސެންބަރުމަހު 20 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ކޮވިޑް ކޭސްތައް ފެތުރެމުން އަންނައިރު ކޭސްތައް ކޮންޓްރޯލް ކުރެވިފައި ނުވާކަން ފާހަގަކޮށްލެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355