twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކުޅުދުއްފުށި މޮނިޓަރިންގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް މިހާރު އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށް މޭޔަރު ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Feb 18, 2022
4

ކުޅުދުއްފުށި މޮނިޓަރިންގގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް މިހާރު އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށް ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. މޭޔަރު މިހެން ވިދާޅުވީ ހުކުރުދުވަހު ސޯޝަލް މީޑިއާ ލިޔުއްވި ޕޯސްޓެއްގައި އެވެ.

މޮނިޓަރިންގގައި ގިނަ ދުވަސްތަކެއް ކުޅުދުއްފުށި އޮތުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ ލިބެމުންދާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ރަށް ބަންދުކޮށްފައިއޮތުމުންގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް ދަތިވެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ޓެކްސީ ޑްރައިވަރުންނަށް މާލީގޮތުން ބޮޑެތި ގެއްލުންތައް ވަމުންދާކަމަށެވެ.

އަދި ހަމަ އެޔާއެކު އަމިއްލަ ބައެއް މަސައްކަތް ކުރާ ފަރާތްތަކަށްވެސް އާމުދަނީ ހޯދުމުގައި ހުރަސްތައް ކުރިމަތިވަމުންދާކަމަށާއި މީގެ އިތުރުން އަވައްޓެރި ރަށްރަށުގެ ރައްޔިތުންނަށްވެސް މިކަމުގެ ތަކުލީފު އުފުލަން ޖެހިފައިވާތީ މޮނިޓަރިންގ އުވާލަދިނުމަށް އެޗްޕީއޭގައި އެތަކެއް ފަހަރަކު އެދިފައިވާނެ ކަމަށެވެ.

"މިހާރު ކުޅުދުއްފުށި މޮނިޓަރިންގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ގަބޫލެއް ނުކުރަން." މޭޔަރު ވިދާޅުވި އެވެ.

މިހާރު ކުޅުދުއްފުށި މޮނިޓަރިންގގައި ބާއްވަން ޖެހޭ ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާކަން ފާހަގަކުރައްވަމުން މޭޔަރު ވަނީ ބައެއް ސަބަބުތައްވެސް ވިދާޅުވެފަ އެވެ.

އެގޮތުން މިހާރު ރަށުގެ ގާތްގަނޑަކަށް 93 އިންސަތަ ރައްޔިތުން ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރެވިފައިވުމާއި ބޫސްޓާ ޑޯޒްވެސް ޖަހަން ފެށިވުން ފާހަގަކުރެއްވި އެވެ.

އަދި ޕޮޒިޓިވްވާ މީހުންގެ ނިސްބަތުން ބަލީގައި ސީރިއަސް ވާ މީހުންގެ އަދަދު ألله ގެ އިރާދަފުޅާއެކު ވަރަށް މަދު ވެފައިވުމާއި ރަށުގެ ޕޮޒިޓިވިޓީ ރޭޓް ބޮޑުތަނުން ދަށަށް ގޮސްވުންވެސް މޭޔަރު ފާހަގަކުރެއްވި އެވެ. އިތުރު ސަބަބެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ތޮއްޖެހިފައިވާ މާލޭގައި ބަލި ފެތުރެމުން ދިޔަކަމުގައިވިޔަސް މާލެ މޮނިޓަރިންއަށް ލާފައި ނުވުން ކަމަށެވެ.

އެޗްޕީއޭގެ ބަންދުގައި މަދު ރަށެއްގައި ހިމެނިފައިވީނަމަވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ކޮވިޑް ކޭސްތައް ދަނީ ފެތުރެމުންނެވެ. ހދ އަތޮޅުގައި މޮނިޓަރިންގ އޮތީ ތިން ރަށެވެ. އެކަމަކު ގިނަ ރަށްތަކެއްގައި ކޮވިޑް އޮތީ ފެތުރިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355