ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބެންޒެމާގެ ހެޓްރިކާއެކު ރެއާލުން ޗެލްސީގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދިއިރު ވިޔަރެއާލް އަތުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވެއްޖެ އެވެ.
ރޭ ކުޅެވުނު މެޗުގައި ޗެލްސީގެ މައްޗަށް ރެއާލުން ކުރިހޯދާފައިވަނީ 3 - 1 ގެ ނަތީޖާއަކުންނެވެ. ފަސޭހަކަމާއެކު ރެއާލުން މިމެޗު ކާމިޔާބުކުރިއިރު މެޗުގައި ރެއާލްގެ ކުޅަދާނަ ފޯވާޑް ކަރިމް ބެންޒެމާ ވަނީ ހެޓްރިކް ހަދާފަ އެވެ.
މިމެޗު ފަސޭހަކަމާއެކު ރެއާލުން ކާމިޔާބުކުރި ނަމަވެސް މެޗުގައި ގިނަ ފުރުސަތުތައް އުފައްދާ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީންނެވެ. މިމެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ ކައި ހަވާރޓްސް އެވެ.
މިމެޗުން ހޯދި މޮޅާއެކު ރެއާލުން ސެމީއާ ގާތަށް ޖެހިލިއިރު އަންނަ ބުދަ ދުވަހު ދެވަނަ ލެގުގައި ރެއާލުން އެޓީމުގެ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނެ އެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއަށް ތަށި ދިފާއުކުރުމުގެ ފުރުސަތެއް އޮތީ ދެވަނަ ލެގުގައި ތިން ގޯލުގެ ތަފާތުން މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް އެމީހުންގެ އަމިއްލަ ދަނޑުގައި ބަލިކޮށްގެންނެވެ. ނުވަތަ ދެ ގޯލުގެ ފަރަގުން މެޗު ނިންމާލައި، ޕެނަލްޓީ އަށް ގޮސްގެން ރެއާލްގެ މައްޗަށް ކުރިހޯދައިގެންނެވެ.
ރޭގެ އަނެއް މެޗުގައި ޔޫރޮޕާ ލީގުގެ ތަށި އެންމެފަހުން ހޯދި ވިޔަރެއާލުން ވަނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް 1 - 0 ގެ ހަނިތަފާތަކުން ބަލިކޮށްފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބުކުރީ ވިޔަރެއާލުގެ ވިންގް އާނައުޓް ޑަންޖޫމާ އެވެ.
ދެވަނަ ލެގުގައި އަންނަ ހަފްތާ މިދެޓީމު ނުކުންނައިރު އަމިއްލަ ދަނޑުގައި ހޯދި މޮޅާއެކު ދެވަނަ ލެގަށް ދިއުމަކީ ވިޔަރެއާލަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ވިޔަރެއާލަށް ސެމީގެ ފުރުސަތު ލިބެން އޮތްއިރު ދެ ގޯލުގެ ފަރަގަކުން މެޗު ކާމިޔާބުކޮށް ބަޔާނަށް ވެސް ސެމީއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗުގައި ލިވަޕޫލުން ރަށުންބޭރުގައި 3 - 1 ން ބެންފީކާ ބަލިކުރިއިރު އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީން ވަނީ އެތްލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ.