twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރާއްޖޭން ވެސް މަންކީޕޮކްސް ފެނިދާނެ, ނަމަވެސް ބަލި ފެތުރުމުގެ ރިސްކު ކުޑަ: އެޗްޕީއޭ

ނަބީލާ އިސްމާޢީލް
May 22, 2022

މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް ވައިރަސް، ރާއްޖޭގައި ފެތުރުމުގެ ރިސްކު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މި މަހާ ހަމައަށް ރާއްޖެއިން ވެސް އަދި އަވަށްޓެރި ގައުމަކުން ވެސް މަންކީޕޮކްސްގެ ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެ ބައްޔަކީ ބަލިޖެހިފައިވާ މީހާއާއެކު ގިނައިރު ކޮންޓެކްޓު ވުމުން ފެތުރޭ ބައްޔެއް ކަމުން މިވަގުތު ރާއްޖޭގައި އެ ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް އެ ބަޔާނުގައިވެއެވެ.

މަންކީޕޮކްސް ވައިރަސްގެ ކޭސްތަކެއް ފުރަތަމަ ރިޕޯޓްކުރީ އިނގިރޭސި ވިލާތުންނެވެ. ނަމަވެސް އިއްޔެއާ ހަމައަށް 12 ގައުމެއްގައި 92 ކޮންފާމްޑް ކޭސް ފެނިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ރިޕޯޓް ކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނީ، މަންކީޕޮލްސްގެ ކޭސްތައް ފެނިފައިވާ ގައުމުތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން އެ އައުޓްބްރޭކް ފެތުރެންފެށި ގޮތާއި ބަލި ފަތުރާ ވައިރަހަށް އަދި ބަލި ޖެހޭ ގޮތަށް ބަދަލުތަކެއް އައިސްފައިވޭތޯ ދިރާސާ ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މަންކީޕޮކްސްގެ ކޭސްތައް އާންމުކޮށް ފެންނަނީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ނަމަވެސް އެއިން އެއްވެސް ގައުމަކާ ގުޅުމެއް ނެތް ތަންތަނުގައި ބަލި ފެތުރެން ފެށި ގޮތް ނޭނގި އެ ބަލި ފެތުރޭ މިއީ ފުރަތަމަ ފަހަރެވެ. އެހެންވެ ބައްޔާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އިން ދިރާސާތައް މިހާރު ފަށާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މަންކީޕޮކްސްގެ އަލާމާތްތަކަކީ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުމެވެ.

އެ އަލާމާތްތަކަށް ފަހު 1-4 ދުވަސް ތެރޭގައި ހަށިގަނޑު ބިހިތަކެއް ނަގަ އެވެ. އެ ބިހިތައް ފުރަތަމަ ނަގާއިރު ފަތިކޮށް ހުއްޓަސް ފަހުން ފެންފޮޅަށްވެ އޭގެ ފަހުން ފޮޅުތަކުގައި ދޮސްލަ އެވެ. އަދި ފޮޅުތައް ފަޅައިގެން ފަހުން ކުރަލަ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި ކުރަ ވެއްޓެންދެން ބަލި މީހާގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެ އެވެ. އަދި އެބަލި ޖެހުމުން ނަގާ ބިހިތަކަކީ ބައެއް ފަހަރު ފާނަބަސަންދު ޖެހުމުން ނަގާ ބިހިތަކާ އެއްގޮތަށް ނަގާ ބިހިތަކަކަށް ވެދާނެ ކަމަށާއި މިހާތަނަށް ބައްޔަށް ސީދާ ފަރުވާއެއް ނެތް ނަމަވެސް ބަލީގެ އަލާމާތްތަކަށްދޭ ފަރުވާއިން ބަލިން ރަނގަޅުވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355