twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސިއްހަތަށް ނުރަނގަޅު މިންވަރަކަށް ކުޅުދުއްފުށީ ސަރަހައްދުގައި ވައި ނުސާފު

އަބްދުލް ވާހިދު ޙަސަން
Dec 9, 2022
3

ކުޅުދުއްފުށީ ސަރަހައްދުގައި ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ އެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ އައިކިޔު އެއާ ވިޝުއަލް އެޕުން ދައްކާގޮތުގައި ނަމަ މިވަގުތު ކުޅުދުއްފުށީ ސަރަހައްދުގެ ވައި ވަނީ ސިއްހަތަށް ނުރަނގަޅު މިންވަރެއްގަ އެވެ.

މިވަގުތު ކުޅުދުއްފުށީ ސަރަހައްދުގައި ވައި ނުސާފު މިންވަރު ހުރީ 171 ގަ އެވެ. ވައި ކޮލެޓީގެ މިންގަނޑަށް ބަލާއިރު 151-200 އާ ދެމެދު އާންމުކޮށް އެންމެނަށް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑެވެ.

ވައިގެ ކޮލެޓީ 150-101 ދެމެދު މިންވަރެއްގައި ނަމަ އާންމުކޮށް އެންމެނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނާނެ އެވެ

ވައި ނުސާފުވާ ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިގޮތުގައި މާސްކު އެޅުން މުހިންމެވެ.

އަދި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި ކުޑަ ކުދިން ބޭރަށް ނުނެރުމާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން ހުއްޓާލަން ޖެހެ އެވެ.

މިވަގުތު ކުޅުދުއްފުށީ ސަރަހައްދުގައި ވައިގެ ކޮލެޓީ ހުރީ 171 ގައި

މިއަދުން ހަވީރުން ފެށިގެން ކުޅުދުއްފުށީ ސަރަހައްދުގެ ފެންނަނީ ވަރަށް ބޮޑަށް ހިރަފުސްވެ، ފުސްކޮށްށެވެ. އަދި ވައިގައި ނުބައި ވަހެއްވެސް ހުރެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެފައި ވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވުމުންދާތީ، ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރުމުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355