މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު ޖޯއޯ ކަންސެލޯ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ޖޫން މަހުގެ ނިޔަލަށް ލޯން އެއްްބަސްވުމެއްގެ ދަށުން ކަންސެލޯ ބަޔާނަށް ކުޅެން މެންޗެސްޓަރ ސިޓީއާއި ބަޔާން މިއުނިކް އެއްބަސްވެފައިވާކަމަށް މަޝްހޫރު ފުޓްބޯޅަ ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ވަނީ ރިޕޯޓުކޮށްފަ އެވެ.
ކަންސެލޯގެ އެއްބަސްވުމުގައި ގަތުމުގެ ފުރުސަތު ވެސް ބަޔާނަށް އޮންނަ ގޮތަށް އެއްބަސްވުމަކަށް އައިއިރު އޭނާގެ އަގަކީ 76.3 މިލިއަން ޑޮލަރެވެ. 28 އަހަރުގެ ޑިފެންޑަރު މިހާރުވަނީ އެއްބަސްވުމުގައި ސޮއިކޮށް މެޑިކަލް ފުރިހަމަކުރުމަށް މިއުނިކަށް އައިސްފަ އެވެ.
ޕެޕް ގާޑިއޯލާގެ ފުރަތަމަ ޓީމުން ކަންސެލޯ ބޭރުވީއިރު އޭނާއަށް އެއްވެސް މުބާރާތެއްގައި އެންމެ ފަހުން ސިޓީ ކުޅުނު 3 މެޗުގައި ވެސް ފެށުމުގެ ފުރުސަތު ނުލިބެ އެވެ. ކަންސެލޯ ވަނީ ޕީއެފްއޭއިން ހޮވާ އަހަރުގެ ޕްރިމިއާ ލީގުގެ ޓީމުގައި ނިމިދިޔަ ދެސީޒަނުގައި ހިމެނި ސިޓީއާއެކު ލީގު ހިއްލާލާ އެޓީމަށް 36 މެޗު ކުޅެދީފަ އެވެ.
ކަންސެލޯގެ ބަދަލުގައި ސިޓީގެ ފަހަތުން ވޭތުވެދިޔަ ހަފްތާތަކުގައި ފެނުނީ ރިކޯ ލުވިސްއާއި ނޭތަން އަކޭ، ޖޯން ސްޓޯންސް އަދި ކައިލް ވޯކާ ފަދަ ކުޅުންތެރިންނެވެ. ސިޓީން ކަންސެލޯ ދޫކޮށްލުމަށް ނިންމި ސަބަބު ސާފުވެފައި ނުވާއިރު ބަޔާނުން މިވަގުތު ބުންޑަސްލީގުގައި ދައްކަމުން އަންނަނީ ދަށް ކުޅުމެކެވެ.
އެޓީމު ވަނީ އެންމެފަހުން ކުޅުނު 3 މެޗުންވެސް އެއްވަރުވެފަ އެވެ. ބަޔާނުގެ ޖޯޒީގައި އެންމެ ފުރަތަމަ ކަންސެލޯ ފެނިގެންދިއުން ގާތީ ބުދަދުވަހު ޖަރުމަނު ކަޕުގައި ބަޔާނުން މެއިންޒްއާ ދެކޮޅަށް ނުކުންނަ މެޗުގައި ނުވަތަ އާދިއްތަ ދުވަހު ލީގުގައި ވުލްފްސްބާގާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.
އެހެން ޓްރާންސްފާތަކަށް ބަލާލާއިރު ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ޕޯޗުގަލްގެ ޑިއޮގޯ މޮންޓޭރޯ މެޑިކަލް ފުރިހަމަކޮށްފައިވާއިރު ނޮޓިންހަމް ފޮރެސްޓުން އެތްލެޓިކޯގެ ފިލިއްޕޭ ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ ކުރިއެރުން ލިބިފަ އެވެ. އަދި ބެންފިކާގެ ވޯލްޑްކަޕް ޗެމްޕިއަން އެންޒޯ ފަނާންޑޭޒްއަށް ޗެލްސީން ވަނީ އިއްޔެ 120 މިލިއަން ޔޫރޯގެ ބިޑެއް ހުށައަޅާފަ އެވެ.