twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރާމޮސް ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

މުޙައްމަދު އަހުމަދު
Feb 24, 2023

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު އަދި ސްޕެއިންގެ ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސާޖިއޯ ރާމޮސް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ރާމޮސް ކުޅުން ހުއްޓާލަން ނިންމީ މިދިޔަ ޑިސެމްބަރު މަހު ލުއިސް އެންރީކޭ ވަކިކުރުމުން ސްޕެއިންގެ ގައުމީ ޓީމާއި ހަވާލުވި އާ ކޯޗު ޑި ލާ ފުއެންޓޭ އޭނާއަށް ފުރުސަތު ނުދޭން ނިންމުމާ ގުޅިގެންނެވެ.

36 އަހަރުގެ ޑިފެންޑަރު ސޯޝަލް މީޑީއާގައި ކުރި ޕޯސްޓަކާއެކު ރިޓަޔާ ކުރިކަން ހާމަކުރިއިރު އޭނާ ބުނެފައިވަނީ އާ ކޯޗު ވަނީ އޭނާއަށް ސްޕެއިން ޓީމުން ފުރުސަތެއް ނެތްކަމަށް އަންގާފަ އެވެ.

ރާމޮސް ބުނިގޮތުގައި އާ ކޯޗު ވަނީ އޭނާގެ ކައިރީ އޭނާ ކޮންމެ ލެވެލްއެއްގައި ކިތަންމެ ގިނަ ދުވަހު ކުޅުނު ކަމުގައިވީ ނަމަވެސް އޭނާއަށް އެއްވެސް ފުރުސަތެއް ނެތްކަމަށް ބުނެފަ އެވެ. އެހެންކަމުން ގައުމީ ޓީމަށް އަލްވަދާއު ކިޔަން ވީ ވަގުތު ޖެހިއްޖެ ކަމަށް ރާމޮސް ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ސްޕެއިންއަށް 180 މެޗު ކުޅެދިން ރާމޮސްއަކީ އެގައުމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ވެސް އޮތް ކުޅުންތެރިޔާ އެވެ. އަދި ރާމޮސް ވަނީ ސްޕެއިނާއެކު 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ރީތިގޮތުގައި ޓީމުން ވަކިވުމުގެ ނަސީބު ރާމޮސްއަށް ނުލިބުނު ނަމަވެސް އޭނާއަކީ ސްޕެއިނަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ ރަނގަޅު ކުޅުމެއް ދެއްކި ތަޖުރިބާކާރު އަދި ހުނަރުވެރި ކުޅުންތެރިޔެއް ކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355