އިނގިރޭސި ފުޓްބޯޅައިގެ ކާމިޔާބު ޑެބިއުޓް ސީޒަނުގައި އާލިން ބްރައުޓް ހާލަންޑް އަންނަނީ ބޮޑެތި ރެކޯޑް ތަކާ ހަމަކުރަމުންނެވެ. މިހާރު އުފެދޭ ސުވާލަކީ ޔޫރަޕުގެ ފުޓްބޯޅަ ދުށް އެންމެ ކާމިޔާބު ކުޅުންތެރިޔާއަށް ހާލަންޑަށް ވެވޭނެކަމާމެދު އުފެދެމުން އަންނަ ސުވާލުތަކެވެ.
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ސްޓަރައިކަރު ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން 28 ގޯލު ޖަހާ ހުރިހާ މުބާރާތެއްގައި ޖުމްލަ 42 ލަނޑާއެކު ޕްރިމިއާ ލީގުގެ ދެރެކޯޑެއް މުގުރާލުމާ ގާތަށް ޖެހިލާފަ އެވެ.
ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ފުރަތަމަ ހަދާފައިވަނީ 1993 - 1994 ވަނަ އަހަރުގެ ސީޒަނުގައި 34 ލަނޑު ޖަހައިގެން އެންޑީ ކޯލް އެވެ.
އެއަށްފަހު އެލަން ޝެއަރާ އެރެކޯޑްއާ އެއްވަރުކުރިއިރު މިރެކޯޑްތައް ހަދާފައިވަނީ 22 ޓީމާއެކު 42 މެޗުގެ ސީޒަން ކުޅުނު ދުވަސްކޮޅު އެވެ. އެއަށްފަހު 20 ޓީމާއި 38 މެޗަށް ޕްރިމިއާ ލީގުގެ މެޗުތައް މަދުކުރެވުނު ފަހުން އެރެކޯޑް މުގުރާލެވިފައިނުވާއިރު އެރެކޯޑާއި މިވީހާ ތަނަށް އެއްވެސް ކުޅުންތެރިޔަކަށް އެއްވަރުވެސް ކުރެވިފައެއް ނުވެ އެވެ.
އެންމެ ގާތުން އެރެކޯޑްތަކާ ވާދަކުރަނީ 38 މެޗުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. އޭނާވަނީ 2017 - 2018 ވަނަ އަހަރުގެ ސީޒަނުގެ ތެރޭގައި 32 ގޯލު ކާމިޔާބުކޮށްފަ އެވެ.
އެންމެފަހުން ކުޅެވުނު 11 މެޗުގައި ހާލަންޑް ހަތް ލަނޑު ޖެހިއިރު ބާކީ އޮތް 11 މެޗުން 4 ގޯލު ޖަހާ ސަލާހުގެ ރެކޯޑާ ނުވަތަ 6 ލަނޑު ޖަހާ ކޯލްއާއި ޝެއަރާގެ ރެކޯޑާ ވެސް ހާލަންޑް ހަމަކުރުމަކީ ދުރުކަމެކޭ ނުބުނެވޭނެ އެވެ.
މީގެއިތުރުން ހުރިހާ މުބާރާތަކުން ޕްރިމިއާ ލީގުގެ ކުޅުންތެރިޔަކު އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ހެދި ރެކޯޑް މުގުރާލުމާވެސް ހާލަންޑް އޮތީ ވަރަށް ގާތުގަ އެވެ. 42 ގޯލު 37 މެޗުން ހާލަންޑް ކާމިޔާބުކުރިއިރު ރޮބިން ވެން ޕާސީއާއި ސަލާހުއަށް ވުރެ މިވަގުތު އޭނާ މަދީ ދެލަނޑެވެ.
ޕްރިމިއާ ލީގު އުފެދުމުގެ ކުރިން ވެސް ފުޓްބޯޅަ ކުޅެވުނެވެ. އަދި އިނގިރޭސި އެންމެ މަތީ ލެވެލްގެ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮންނާނީ 1927 - 1928 ވަނަ އަހަރު ކުރީގެ ފުރަތަމަ ޑިވިޝަނުގައި އެވަޓަންއަށް 60 ގޯލު ޖަހައިދީގެން ޑިކްސީ ޑީންގެ އަތުގަ އެވެ. ހުރިހާ މުބާރާތަކުން އޭނާ 63 ގޯލު ކާމިޔާބުކުރިއިރު އެއީ މިހާތަނަށް މުގުރާލެވިފައިނުވާ ރެކޯޑެކެވެ.
1986 - 1987 ވަނަ އަހަރުގެ ސީޒަނުގައި ކްލައިވް އެލެން ހުރިހާ މުބާރާތަކުން ޓޮޓެންހަމަށް 49 ގޯލު ޖަހައިދިންއިރު މިއީ ވޭތުވެދިޔަ 36 އަހަރުގެ ތެރޭގައި ވެސް މުގުރާލެވިފައިނުވާ ރެކޯޑެކެވެ. ނަމަވެސް މިރެކޯޑް މުގުރާލަން ހާލަންޑް ބޭނުންވަނީ ބާކީ 8 ގޯލެވެ. 7 ގޯލު ޖަހައިގެން އޭނާއަށް އެރެކޯޑާ ހަމަކުރެވޭނެ އެވެ. އަދި 21 ލަނޑު ޖަހައިގެން ޑިކްސީ ޑީންގެ ރެކޯޑާ އޭނާއަށް ހަމަކުރެވޭނެ އެވެ.
އިންގްލެންޑްގައި މުގުރާލަން ހުރި އަމާޒުތަކާއި ރެކޯޑްތަކުގެ އިތުރުން އެއް ސީޒަނެއްގައި އެންމެ މޮޅު ކުޅުމެއް ދެއްކި ސްޓްރައިކަރަށް ވުމަށް ހާލަންޑަށް އަދި ދަތުރުކުރަން ޖެހޭ ވާދަވެރި ދަތުރެއް އެބައޮތެވެ.
ޕްރިމިއާ ލީގުގެ ބޭރުން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ލީގުގައި އަދި ހުރިހާ މުބާރާތެއްގައި ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ އަތުގަ އެވެ. އެއީ 2011 - 2012 ވަނަ އަހަރުގެ ސީޒަނުގައި މެސީ ދެއްކި މޮޅު ކުޅުމާއެކު އޭނާ ހެދި ރެކޯޑްތަކެވެ.
ބާސެލޯނާއަށް ކުޅެމުން މެސީ ވަނީ ލަލީގާގައި 50 ގޯލު އަދި އޯވަރޯލް 73 ގޯލު ކާމިޔާބުކޮށްފަ އެވެ. ހުރިހާ މުބާރާތަކުން 67 ގޯލު ޖަހައިގެން ގާޑް މުލާ ހަދާފައިވާ 39 އަހަރުވީ ދިގު ރެކޯޑް ވެސް މެސީ މުގުރާލި އެވެ.
ހާލަންޑް ހުރިހާ މުބާރާތަކުން 42 ގޯލު ޖަހާފައިވާއިރު އޭނާއަށް 50 އަށްވުރެ ގިނަ ލަނޑު އެއް ސީޒަނެއްގައި ޖެހި ކުޅުންތެރިންގެ ލިސްޓަށް ފަސޭހަކަމާއެކު އެރިދާނެ އެވެ. މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެކިފަހަރު މަތިން އެއް ސީޒަނެއްގައި 50 ނުވަތަ އެއަށްވުރެ ގިނަ ގޯލު ޖަހާފަ އެވެ. 2014 - 2015 ވަނަ އަހަރުގެ ސީޒަނުގައި ރޮނާލްޑޯ ވަނީ ހުރިހާ މުބާރާތަކުން 61 ގޯލު ކާމިޔާބުކޮށްފަ އެވެ.
މީގެއިތުރުން ލުއިޒް ސުއަރޭޒްއާއި ރޮބާޓް ލެވަންޑޮސްކީ އަދި ޒްލަޓަން އިބްރަހިމޮވިޗް ވަނީ 50 އަށްވުރެ ގިނަ ގޯލު ޖަހާފަ އެވެ. 2015 - 2016 ވަނަ އަހަރުގެ ސީޒަނުގައި ސުއަރޭޒް ވަނީ ބާސާއަށް 59 ގޯލު ޖަހައިދީފަ އެވެ. އިބްރަހިމޮވިޗް ޕީއެސްޖީއަށް 50 ލަނޑު ޖަހައިދިންއިރު ލެވަންޑޮސްކީ ވަނީ 2019 - 2020 ވަނަ އަހަރުގެ ސީޒަނުގައި ބަޔާން މިއުނިކަށް 55 ލަނޑު ޖަހާފަ އެވެ.
ޕްރިމިއާ ލީގުގައި ހާލަންޑްގެ ގޯލް ޕާ ގޭމް (ކޮންމެ މެޗެއްގައި ޖަހަމުންދާ ލަނޑު) އަކީ 1.08 އެވެ. ލީގުގައި ބާކީ 11 މެޗު އޮތްއިރު އޭނާއަށް އެ ރޭޓުގައި 40 ލީގު ގޯލާއެކު ނިންމާލެވޭނެ އެވެ.
މިއީ 133 އަހަރުވީ އިނގިރޭސި އެންމެ މަތީ ލީގުގައި 7 ފަހަރު ހާސިލްވި ކަމެކެވެ. އެންމެފަހުން 40 ގޯލުގެ މާކު ހުރަސްކުރީ 1960 - 1961 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީއަށް 41 ލީގު ގޯލު ޖަހައިދީގެން ޖިމީ ގްރީވްސް އެވެ.
އެހެންނަމަވެސް މެސީ ހުރިހާ މުބާރާތަކުން އެއް ސީޒަނެއްގައި ޖެހި 73 ގޯލުގެ ރެކޯޑު އަދި އެބައޮތެވެ. އެރެކޯޑް ހާލަންޑަށް މުގުރާލެވިދާނެ ބާ އެވެ. ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުގެ މެޗުތަކާއެކު ހާލަންޑަށް އެންމެ ގިނަ ވެގެން ވެސް ބާކީ އިންނާނީ މިސީޒަނުގައި 18 ގޭމެވެ.
ނޯވޭޖިއަން ކުޅުންތެރިޔާ އަންނަނީ ހުރިހާ މުބާރާތަކުން 1.14 ގެ ގޯލު ޕާ ގޭމް ރޭޝިއޯއެއް ދަމަހައްޓަމުންނެވެ. އެހެންވުމުން އެހާވަރުގައި ހާލަންޑަށް ހިފަހައްޓާލެވިއްޖެނަމަ މިސީޒަނުގައި އަދި އޭނާއަށް 20 ގޯލުވަރު ޖެހޭނެ އެވެ. އޭރުން 60 ގޯލު ހަމަވާނެ އެވެ.
އޭނާ މިސީޒަނުގައި ދައްކަމުން އެއަންނަ މޮޅު ކުޅުމުގެ ވާހަކަ ދެކެވޭނެ އެވެ. އެކަން މީހުންގެ ހިތްތަކުގައި ހުންނާނެ އެވެ. އެހެންނަމަވެސް އަދިވެސް އެރެކޯޑް އޮތުން ގާތީ މެސީގެ އަތުގަ އެވެ. އެހެންނަމަވެސް އެއްއަހަރު ޕްރިމިއާ ލީގުގައި ހޭދަކުރުމުން ދެން އަންނަ ސީޒަނެއްގައި ހާލަންޑް މުގުރާލާނެ ރެކޯޑްތަކެއް ނޭނގޭނެ އެވެ. ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހަމައަށް އަދި ވާސިލްނުވެނުނަސް އޭނާ މިސީޒަނުގައި ދައްކަމުން އަންނަ ކުޅުމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން އަންނަނީ ތައުރީފް ކުރަމުންނެވެ.